މިހާރު ހަދަމުންދާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާނީ ހުރިހާ ސެގްމެންޓެއް އެކީގައިކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ސެގްމަންޓް 5 ގެ ހުރިހާ މަސައްކަތެއްހެން ނިންމާލާފައިވާ ކަމަށެވެ. އެއީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށެވެ. ސެގްމަންޓް 5 ގައި މިހާރު ކުރަމުންދަނީ، ސައިޑްވޯކްގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބާކީ ނުނިމި ހުރި 3 ސެގްމަންޓުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި ކީވޯލްގެ މަސައްކަތާއި، ފެނާ ނަރުދަމާ ހޮޅި ވަޅުލުމާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މި ސަރަޙައްދުގައި 522 ޝީޓް ޕައިލްކުރަން ޖެހޭއިރު، އޭގެ %50 މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ހާރު ޕްލޭން ކޮށްފައިވަނީ، ހުރިހާ ސެގްމަންޓެއްގައިވެސް އެއްފަހަރާ ތާރުއަޅަން ފެށުމަށާއި، އެޅުމުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާ ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ. އަދި މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރުން ހިމެނެއެވެ. އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.




ކިޔުންތެރިންގެ ހިޔާލު