ބައިނަލްއަޤުވާމީ މަންސަތަކުގައި ދިވެހިރާއްޖެއިން ބަސްބުނެ، ހަރަކާތްތެރިވަމުންދާނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ދިވެހި ޤައުމީ މަސްލަޙަތު އިސްކުރައްވައިގެންކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަނގުރާމައިގެ ކުއްލި ހާލަތަކަށް ދާންޖެހިއްޖެ ދަނޑިވަޅެއްގައި، ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކުރައްވައި، ޚާރިޖީ ސިޔާސަތުގެ ދަށުންވެސް ގިނަގުނަ މަސައްކަތްތަކެއް، ކޮންމެ ދުވަހަކުވެސް ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެގޮތުން ޚާރިޖީ ވުޒާރާއިން ސިލްސިލާ ގޮތެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކަންކަމުގެ ތަފްސީލީ އަދާހަމަ، އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ. ބޭރުގެ ޤައުމުތަކާއި އެކި މުއައްސަސާތަކާއެކު ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށާ، ހަނގުރާމައިގެ ހާލަތު ކޮންމެ ދުވަހަކުވެސް ބައްލަވައި، ކަމާ ގުޅުންހުރި ފަރާތްތަކާ އެ ތަފްސީލުތައް ހިއްސާކުރައްވާ ކަމުގައިވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމުތަކާއި، އެނޫންވެސް ދޭދޭ ބައިވެރިންނާއެކު، އިސްނަގައިގެން ވާހަކަދައްކައި، ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށާ، ބައިނަލްއަޤުވާމީ މަންސަތަކުގައި ދިވެހިރާއްޖެއިން ބަސްބުނެ، ހަރަކާތްތެރިވަމުންދާނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ދިވެހި ޤައުމީ މަސްލަޙަތު އިސްކުރައްވައިގެންކަމުގެ ޔަޤީންކަން، ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ. ޤައުމުތަކުގެ މެދުގައި މިފަދައިން ކުރިއަށްގެންދެވޭ މަޝްވަރާތަކާ، ހުށަހެޅޭ ޤަރާރުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ސުލްޙައަށް ގޮވާލަމުން ދާކަމަށާ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށް ގޮވާލަމުންދާކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޚާއްޞަ ހާލަތްތަކުގައިވާ ފަރާތްތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތު ރާއްޖެއިން އިސްކުރާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު މަސައްކަތްކުރައްވަނީ ޑީފޯލްޓަކަށް ނުގޮސް ކަންކަން ކުރެވޭނެ މަގުން ކުރިއަށް ވަޑައިގެންނެވުމަށް ކަމުގައިވެސް ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވީ، ކުރިމަތިވާ ކަންކަމުގައި ޤާނޫނާއި ޤަވައިދުގެ ތެރެއިން އެ ކަންކަން ޙައްލުކުރުމަށާއި، ބޭ އިންސާފުން އެއްވެސް މީހަކާ މެދުގައި އަމަލު ކުރެވިގެން ނުވާނެކަން ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ތަކުރާރުކުރައްވަމުންނެވެ.








ކިޔުންތެރިންގެ ހިޔާލު