ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރެކޯޑު ކުރިއެރުމާއެކު އާ އަހަރުގެ މާލީ ދުވެލި ވެސް ބާރުމުނުގައި ބީއެމްއެލް އިން ދަމަހައްޓައިފި

457691 b1981646 2
STO_Ads
TTH_Ads

ވޭތުވެދިޔަ އަހަރުގެ ރެކޯޑު ކުރިއެރުމާއެކު އާއަހަރުގެ މާލީ ދުވެލިވެސް އެ ބާރުމިނުގައި ބީއެމްއެލް އިން ދަމަހައްޓައިފިއެވެ.

މާލީ ގޮތުން ދަމަހައްޓަމުންދާ ވަރުގަދަ ނަތީޖާ

ބޭންކް އޮފް މޯލްޑިވްސް އިން 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނެރުނު ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެކެވެ. ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގައެވެ.

Maldivian_Ads

މާލީ ދުޅަހެޔޮކަމާއި ފައިދާ އިތުރުވުން

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެކެވެ. މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމާއި ހިންގުމުގެ ހަރުދަނާކަން

ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކު ހިންގުމުގެ ޚަރަދުތައް ވަރަށް ބަލައިގެން މެނޭޖްކުރެވުމުގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް އިތުރަށް ރަނގަޅު ކުރެވިފައެވެ. މީގެ އިތުރުން އައި.އެފް.އާރް.އެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީ.ސީ.އެލް) ވެސް ދަނީ ހަރުދަނާގޮތެއްގައި ކަނޑައެޅި ބެލެހެއްޓެމުންނެވެ.

މާލީ ތާރީޚީ ކުރިއެރުމެއް

ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރުފައިސާގެ ޑިޕޮސިޓްތައް ބޮޑުދައުރެއް އަދާކުރެއެވެ. މީގެ އިތުރުން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު  އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަންވެސް ވަނީ ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

ބޭރު ފައިސާގެ އެހީތެރިކަމާއި ބޭނުންތައް އިތުރުވުން

ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެކެވެ. އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު %142 އިތުރު ޢަދަދެކެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 32 ހާސް މުޢާމަލާތަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް، ކްރެޑިޓް ކާޑާއި ޑެބިޓްކާޑު މެދުވެރިކޮށް ކުރެވުނު މުޢާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ އެވްރެޖްކޮށް މަހަކަށް 40 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކުނު ޢަދަދަށްވުރެ %23 އިތުރު ޢަދަދެކެވެ. މިހެންކަމުން މިއަހަރު ފުރަތަމަ ކްއާޓަރގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ވިއްކާފައިވާ ޑޮލަރުގެ ޢަދަދު 226 މިލިއަން ޑޮލަރަށް ވުރެ ގިނަކަން ފާހަގަކުރެވެއެވެ.

ބޭރު ފައިސާލިބޭ މިންވަރަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފެބްރުއަރީ 28 އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވުމާއި، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުން، ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ (ނެޓް ކާޑު އިންފްލޯ) މި މަހުގެ މިހާތަނަށް ގާތްގަޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާކަން ބޭންކަށްވަނީ ފާހަގަކުރެވިފައެވެ. ހަމައެއާއެކު، މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވަނީ ދެގުނަ އިތުރުވެފައެވެ. މި ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އެ ބޭންކު މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ އެ ބޭންކު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ (ނެޓް އައުޓްފްލޯ) ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެއެވެ.

އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތައް

މިފަދަ ގޮންޖެހުންތަކާއެކުވެސް، ބޭންކުން ދަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖްކުރަމުންނެވެ. އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު އެކަނިވެސް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް 25 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭންކުން ވަނީ ބޭރުފައިސާ ވިއްކާފައެވެ. މިއީ ފުރަތަމަ ކުއާޓަރުގެ އެވްރެޖަށްވުރެ މާމަތީ ޢަދަދެއްގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. އަދި ހަމަ އެހެންމެ ކްރެޑިޓް ކާޑާއި، ޑެބިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ބޭރު ފައިސާ ވިއްކި ޢަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު 22 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާމިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާއި އެއްވަރަކަށް ބޭރުފައިސާ ވިއްކާ ޢަދަދަށް ވަގުތީ ގޮތުން އަޅަންޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ޓީޓީ ހެދުމަށް ޑޮލަރު އެހީ ދިނުން ހުއްޓައިލިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ބީއެމްއެލް

WhatsApp Image 2026 04 16 at 11.31.50

ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާއިމްކޮށްފި

Large thumb

ބީއެމްއެލްއިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގެ އެތުލީޓުން ތަމްރީނު ކުރުމަށް އެހީތެރިވެދެނީ

2.jpg

ބީއެމްއެލް އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި