ދ. މީދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއެވެ. މި މަޝްރޫޢަށް 53,965,168.00 ރުފިޔާ ޚަރަދުކުރެއެވެ. މި މަޝްރޫޢުގެ ދަށުން މީދޫން 10 މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ތާރު އަޅައިގެން ތަރައްޤީކުރާ 8 މަގާއި ގައު އަތުރައިގެން ތަރައްޤީކުރާ ދެ މަގެވެ. ޖުމްލަ 3.8 ކިލޯ މީޓަރުގެ ދިގުމިނުގެ މި މަގުތަކުގެ މަސައްކަތް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ، 540 ދުވަހުގެ މުއްދަތެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި. #TeamRDC pic.twitter.com/kg4jiesfl3
— Road Development Corporation Ltd (@rdcmaldives) April 1, 2026
މި މަޝްރޫޢު ކުރިއަށްގެންދަނީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއެކުއެވެ. މީގެ އިތުރުން މަގުތައް ނިމޭއިރު މަގުބައްތި ޖެހުމާއި، ކޭބަލްތައް ވަޅުލުމަށް ބޭނުންވާ ޖަންކްޝަންތަކާއި، ހޮޅިލައިންތައް ފަދަ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ކުރާނެއެވެ.
މި މަޝްރޫޢު ނިމުމުން މީދޫގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި ސަރުކާރުން މި މަޝްރޫޢަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އާރުޑީސީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު