އީރާނުގެ އިންޖީނުގެތަކާއި ބްރިޖްތަކަށް ބޮންއަޅައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރުވެއްޖެއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕްވަނީ، އޭނާ އީރާނަށް ދީފައިވާ 48 ގަޑިއިރުގެ މުހުލަތު އައުކޮށްފައެވެ. ޓްރަމްޕް އީރާނަށް މުހުލަތު ދީފައިވަނީ ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން އެއްބަސްވުމެއް ހެދުމަށާއި، ނުހަދައިފިނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކާއި ހުރިހާ ބްރިޖްތަކަށް ބޮންއަޅާއި ބިމާހަމަކޮށްލާނޭ ކަމަށެވެ.
ޓްރަމްޕް ދީފައިވާ މުހުލަތު ހަމަވާނީ އަންގާރަ ދުވަހުގެ ރޭ ނުވަތަ ބުދަ ވިލޭރޭ މެންދަމު ޖީއެމްޓީ ގަޑިން 00:00 ގައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، މުހުލަތު ހަމަވާތާ 4 ގަޑިއިރުގެ ތެރޭގައި އީރާނުގެ ހުރިހާ އިންޖީނުގެތަކާއި، ބްރިޖްތައް ގޮއްވާލަން އެމެރިކާ ސިފައިން ޕްލޭނެއް ހަދައި ތައްޔާރުވެފައިވާ ކަމަށެވެ.
ބްރިޖްތަކާއި އިންޖީނުގެތަކަށް އެމެރިކާ ސިފައިން ބޮންއަޅައި ހަލާކުކޮށްލާނީ ދެން އަލުން ބޭނުން ނުކުރެވޭވަރަށް ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ބުނެފައިވަނީ، ހަނގުރާމައިގެ ކަންކަން ދަނީ “ރަނގަޅަށް” ކަމަށެވެ. ޓްރަމްޕް އެހެން ބުނި ނަމަވެސް މައިދާނުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެމެރިކާގެ އެތަކެއް ސިފައިން މަރުވެ، އަސްކަރީ ޖެޓުތަކާއި، މަތިންދާ ބޯޓުތަކާއި، ޑްރޯންތަކަށް އީރާނުން ހަމަލާދީ ވައްޓަމުން ދާއިރު، މަނަވަރުތަކަށްވެސް ހަމަލާދީ ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ. އެމެރިކާ ސިފައިންނަށް ލިބެމުންދާ ގެއްލުންތަކުގެ އެއްވެސް ވާހަކައެއް ޓްރަމްޕް ނުދައްކައެވެ.
ޓްރަމްޕް ބުނީ، އެމެރިކާއިން ބޭނުންވާނަމަ އެންމެ ރެއަކުންވެސް މުޅި އީރާނުގެ ދުވަސް ދުއްވާލެވިދާނެ ކަމަށާއި، އެ ރެއަކީ އަންގާރަ ދުވަހުގެ ރެއަށް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ޓްރަމްޕަށް އެކަން ކުރެވޭނީ އީރާނަށް ނިއުކްލިއަރ ބޮން އަޅައިގެންނެވެ.
ހަނގުރާމައިގެ ހާލަތުގައިވެސް މަދަނީންގެ ތަންތަނަށް ހަމަލާ ދިނުން ޖެނީވާ ކޮންފެންޝަނުން މަނާކުރާއިރު، އެމެރިކާގެ ރައީސް މިގެންދަނީ އީރާނުގެ ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަހްރޫމްކޮށް އަދި އާންމު ބްރިޖްތައް ހަލާކުކުރަން އިންޒާރު ދެމުންނެވެ.
މިގޮތަށް މުޅި އީރާނަށް އުދުވާނީ ހަމަލާތައް ދޭނަމަ އީރާނުގެ އާންމު އެތަކެއްހާސް ރައްޔިތުން މަރުވާނޭ ކަމަށް ލަފާކުރެވިފައި ވެއެވެ.
އެހެންކަމުން، އެމެރިކާގެ ރައީސް ޓްރަމްޕް އީރާނަށް ދެމުންގެންދާ އިންޒާރުތަކަކީ ސީދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް، ހަނގުރާމައިގެ ޖަރީމާތަކުގެ ގޮޅިއަށްފެތޭ އިންޒާރުތަކެއް ކަމަށް ބުނެ، ކަމުގެ ތަޖުރިބާކާރުން ގެންދަނީ އިންޒާރު ކުރަމުންނެވެ.
ޓްރަމްޕް ހުއްޓުވަން ދުނިޔޭގެ އެއްވެސް ގައުމަކުން ނުވަތަ ޖަމާއަތަކުން އުޅޭތީއެއް ނުފެނެއެވެ. އދވެސް އޮތީ ހަމަހިމޭނުންނެވެ.
ކިޔުންތެރިންގެ ހިޔާލު