އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އެކަމުގެ ގެއްލުމާ ކުރިމަތިލަމުންދާ ރިސޯޓުތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސެމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައިގެ ސަބަބުން 1،150 ޓޫރިސްޓުންނަށް ދަށްވެފައިވާ ކަމަށެވެ.
ތޯރިގު ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)އާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭން ދަތިވާ ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ މާލީ އެހީތެރިކަން އެފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން، އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮސް އެހެން އޮޕަރޭޝަންސްގެ ދަތިވާފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބޭ. އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދޭ”. ތޯރިގު ވިދާޅުވިއެވެ.
ސަރުކާރުން މިވަގުތު އިސްކަމެއް ދީގެން ކުރަނީ ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް މަސައްކަތް ކުރުންކަމަށް ތޯރިގު ވިދާޅުވިއެވެ.
“އެއާލައިންތަކާ އެކު މަޝްވަރާކޮށް ޕްރިކުއެންސީ ގިނަކޮށް، އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން މި ދަނީ،” ތޯރިގު ވިދާޅުވިއެވެ.
އެގޮތުން އިތިއޯފިއަން އެއާލައިނާއެކު ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު