މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމެރިކާ އާއި ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ގައުމަށް އަތުވެދާނެ ހީނަރުކަމުން އަރައިގަތުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، މެދުއިރުމަތީގެ އެއަރލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ފަށާފައިވާކަމަށެވެ.
އަންނަ އެޕްރީލް މަހުން ފެށިގެން، ޤަތަރު އެއާވޭސް އިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަނގުރާމަ ފެށުނު އިރާ އަޅައިބަލާއިރު، މިހާރު އެއާލައިންތަކުގެ ބުކްލޯޑުވެސް އިތުރުކުރަމުންދާކަން އަމީން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވިޔަފާރި އާއި އެ ނޫންވެސް ބޭނުންތަކުގައި ދަތުރުފަތުރުގެ އާ ރޫޓްތައް ޤާއިމުކުރަން ޖެހޭ ޙާލަތްތައް ދެނެގަނެ، އެކަން ފަހިކުރުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، އެޕްރީލް މަހުގެ ފުރަތަމަ ދުވަހު، ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއާ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސިނާޢަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކާޑާއި، އަސާސީ މުދަލާއި، ތެލާއި ކައްކާ ގޭސް ގެނައުމުގައި ދަތިކަމެއް މެދުވެރިނުވާނޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެގޮތުން، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުންނާއި، އިންޑިއާއާއެކު އޮންނަ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، މިފަދަ ދަނޑިވަޅުތަކުގައި ރާއްޖެއަށް ދައްޗެއް ނެތި އަސާސީ ތަކެތި ލިބޭނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު