ހުޅުމާލޭ ފޭސް ތިނެއްގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހައުސިން މިިނިސްޓްރީން އިތުރުކޮށްފިއެެވެ.
އެފޯޑަބަލް ހޯމްއޯނާޝިޕް މޮޑެލްއަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓް އަޅައިދޭނެ ބައެއް ހޯދުމަށް ހައުސިން މިނިސްޓްރީން ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 23 ވަނަ ދުވަހެވެ. އެ އިއުލާނަށް އިސްލާހު ގެނެސް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އަލުން އިއުލާނުކޮށްފައެވެ.
އަލުން ކުރި އިއުލާނުގައި ވާގޮތުން، ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
އެ އިއުލާނުގައި ކޮންޓްރެކްޓަރުންނަށް ވެސް ބައެއް ލުއިތައް ވަނީ ދީފައެވެ. އެގޮތުން، އެންޑް ޔޫޒަރުންނަށް ޑިވެލޮޕަރު އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ގޮތަށް ކުރިން އޮތް ބައިތައް މިހާރު ވަނީ އުނިކޮށްފައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރުސަތު ހުޅުވާލާފައި ވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
މި މަޝްރޫއަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، އުމްރާނީ ތަރައްގީއަށް އެހީތެރިވުމާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ.
ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ 1،000 ހައުސިން ޔުނިޓް ވިއްކޭނެ އެންމެ މަތީ އަގަކީ، ދެ ކޮޓަރީގެ އެޕާޓްމަންޓެއް 1.8 މިލިއަން ރުފިޔާއަށެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.
އެ 1،000 ހައުސިން ޔުނިޓުގެ %70 އެޕާޓްމަންޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. އެއީ، ތިން ކޮޓަރީގެ 700 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 300 އެޕާޓްމަންޓެވެ.
ކިޔުންތެރިންގެ ހިޔާލު