ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޝްރޫޢުތައް ފުރިހަމަކުރުމަށްޓަކައި އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވަވާ: ރައީސް

raees muiz

ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި، އެކަމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްްޒު އެދިވަޑައިގެންފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، ސިޓީތަކުންނާއި ރަށްތަކުގެ ކައުންސިލްތަކުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ކުރިއަށްގެންދިޔަ ސައިކަލު ބުރުގެ ތެރެއިން. ފޮޓޯ: އެކްސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ވޯޓަކީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ވޯޓެއް ކަމަށެވެ.

ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ހަމައެކަނި ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމަކީ ފުރިހަމައަށް ޤަބޫލުކުރާ ނިޒާމެއް ކަމަށާއި، ރަށްރަށުގައި އަދި ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ ކަންކަމަށް ވާނަމަ އޭގެ ހެވާއި ލާބަ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އެކަންކަމަށް ރިޢާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ ކައުންސިލްތަކުގައި އެއްބާރުލުން ދޭނެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެގޮތަށް ރައްޔިތުން ނިންމަވައިފި ނަމަ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށެވެ.

“މިކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ. އަޅުގަނޑު ރައްޔިތުންނަށް ވެފައިހުރި ހުރިހާ ވައުދުތަކެއް ފުއްދުމަށް މިއަދާ ހަމައަށް އައިއިރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފީމު. އަދި އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކާމިޔާބީތައް ވެސް މި ކުރިމަތިވެފަ އޮތް އަޅުގަނޑުމެންނަށް ވާރުތަވި އިޤްތިޞާދީ ގޮންޖެހުންތަކުގެ ތެރެއިން ވެސް އަރައިގަނެގެން ކުރެވެމުންދާކަން އަޅުގަނޑު ވާނީ ނިމިގެން ދިޔަ ރިޔާސީ ބަޔާނުގައި އަދަދުތަކާ އެކީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފަ” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ކިބައިން ވޯޓަށް އެދެނީ ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކީ އެމަސައްކަތް ކުރަން ބޭނުންފުޅުވާތީ ކަމަށެވެ.

“މިކަންކަން މިހާރު ގޮސްފައިވާ ހިސާބުން ދެން ކުރިއަށް އޮތް ދުވަސްތަކަށް ފުރިހަމަކޮށް ނިންމާލުމަށްޓަކައި ކައުންސިލް ނިޒާމުގެ ތެރެއިން ބޭނުންވާ ސަޕޯޓް އަޅުގަނޑުމެން ބޭނުންވަނީ. އެ ސަޕޯޓް ދޭނީ އެ ނިޒާމުގެ ތެރެއިން އެސަޕޯޓް ދޭނެ އެއްބާރުލުން ދޭނެ ބަޔަކު އެތާ ތިބީޔާ” މިއަދުގެ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ސައިކަލު ބުރުގެ ބޭނުމަކީ އިންތިޚާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ކެމްޕޭން ވަރުގަދަކޮށް، ރައްޔިތުންނަށް މެސެޖު ފޯރުކޮށްދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވަޑައިގެންނެވިއިރު، ޕާޓީގެ މެންބަރުން އަދި ޕާޓީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު ވެސް ސައިކަލު ބުރުގައި ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

PNC

ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރުގައި ބާއްވަނީ

ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި