ދިރާގުން މީޑިއާނެޓްއާ ގުޅިގެން އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އެ ކުންފުނިން މީޑިއާނެޓްއާ ގުޅިގެން، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
އެ ޕާޓްނަޝިޕްގެ ދަށުން، ދިރާގުގެ މުވާސަލާތީ ހިދުމަތްތަކާއެކު މީޑިއާނެޓްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް މިހާރު ލިބިގެންދާނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި، ބޭނުން ވަގުތަކު ބަލައިލެވޭ ‘އޮން-ޑިމާންޑް’ ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ފަސޭހަކަމާއެކު އަގުހެޔޮކޮށް ބަލައިލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން އިތުރަށް ބުނީ އަލަށް ތައާރަފުކުރި މީޑިއާނެޓް ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ އެކިއެކި ބޭނުންތަކަށް ބިނާކޮށް ކަމަށެވެ. އެގޮތުން އެއް މަސްދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހިޔާރުކުރެވޭ އެ ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު އެންމެ 50 ރުފިޔާއިންނެވެ.
އޭގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ‘ވީޑިއޯ ކްލަބް މޯބައިލް’ ޕެކޭޖު މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު އެންމެ 50 ރުފިޔާއަށް ބަލައިލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.
އެ ހިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް އެމްޓީވީ މޮބައިލް ވިތު ދިރާގު ބެނާއަށް ފިއްތާލުމަށްފަހު، ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް ‘ސަބްސްކްރައިބް’ އަށް ފިއްތާލުމުން ވަގުތުން ހިދުމަތް އެކްޓިވޭޓްވާނެއެވެ. އެ ހިދުމަތުގެ ފައިސާ ކަސްޓަމަރުންގެ މޮބައިލް ބެލެންސުން ނުވަތަ މަހު ބިލަށް އިތުރުކޮށްލުމުގެ ފަސޭހަކަންވެސް ލިބިގެންދާނެއެވެ.
ދިރާގުގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ފުރިހަމަކަން ގެނެސްދިނުމެވެ.
ދިރާގުން ބުނީ މިއީ ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ދާއިރާގެ އެންމެ އިސް ކުންފުނީގެ ގޮތުގައި، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަަމަށެވެ.
ކިޔުންތެރިންގެ ހިޔާލު