ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުރީދޫގެ ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝާޑީ ގަވަސްމީ އައްޔަންކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމަށެވެ. އަދި ގަވަސްމީ އުރީދޫ ގްރޫޕުގައި މަސައްކަތްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރު ކަމަށް ވެސް ބުންޏެވެ.

ގަވަސްމީ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި އައު ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައި ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާ އިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކަމަށާއި އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލަދިނުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދެއްވާފައިވާ ކަމަށް އުރީދޫން ބުންޏެވެ.

ގަވަސްމީ ވަނީ ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައި ކަމަށާއި އަދި އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިފައި ކަމަށް އުރީދޫން ބުންޏެވެ.

މީގެ ކުރިން އުރީދޫގެ ސީއީއޯއަކަށް ހުންނެވި ހާލިދު ހަސަން އަލް-ހަމާދީއަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެ ކުންފުނިން ބުނީ ހާލިދުގެ ލީޑާޝިޕްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް “އެވީ” ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތައާރަފުކުރި ކަމަށެވެ. އަދި މާސްޓާ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އާއި ވައިބާ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރި ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން، ހާލިދުގެ ލީޑާޝިޕްގެ ދަށުން މުޅި ރާއްޖެއަށް 100 ޕަސެންޓް 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި އާބާދީގެ 80 ޕަސެންޓަށް 5ޖީގެ ހިދުމަތް ފުޅާކުރުމާއި “ޕީސް” ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއާ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ހާއްސަ ކޭބަލަކާ ގުޅުވާލުން ފަދަ އެކި މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް އުރީދޫން ބުންޏެވެ.

ހާލިދުގެ ލީޑަޝިޕްގެ ދަށުން ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑު ހޯދުމާއި ހުޅުމާލޭގައި އުރީދޫގެ އޮފީސް ހުޅުވުން ހިމެނޭ ކަމަށެވެ. އަދި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސިއްހީ ދާއިރާ އާއި އެއާ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު އިޖުތިމާއީ ޒިންމާގެ މުހިންމު މަސައްކަތްތަކަކީ ވެސް ފާހަގަކޮށްލެވޭ ކަންކަން ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ގަވަސްމީގެ ލީޑާޝިޕްގެ ދަށުން ކުންފުނި މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުރީދޫން ހިއްސާއަކަށް މިފަހަރު ބަހާނީ 3.54 ރުފިޔާ

ooreedo

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ 4 ގައި

އުރީދޫ ނޭޝަން އިން 2 މުބާރާތަކަށް ހުޅުވާލައިފި

ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އާލާތްތަކެއް އުރީދޫއިން އެމްއެންޑީއެފްއަށް