މުޅި ދުނިޔޭއަށް ގޮންޖަހަމުން ޒަޔަނިސްޓު ދައުލަތުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސައާރް، ސޯމާލިލޭންޑަށް ހިނގައްޖެއެވެ.
މިއީ، ސޯމާލިލޭންޑަކީ މިނިވަން ގައުމެއް ކަމަށް އިސްރާއީލުން މީގެ ދެހަފްތާ ކުރިން ގަބޫލު ކުރިފަހުން އިސްރާއީލުގެ ވެރިޔަކު ސޯމާލިލޭންޑް ދިޔަ ފުރަތަމަ ފަހަރެވެ.
ގިޑިއޯން ސައާރްގެ މިދަތުރުގައި، ސޯމާލިލޭންޑްގެ ރައީސް އަބްދިރަހްމާން މުހައްމަދު އަބްދުﷲހިއާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސޯމާލިލޭންޑަކީ 1960 ވަނަ އަހަރުން ފެށިގެން ގުޅިފައިވާ ސޯމާލި ރިޕަބްލިކްގައި ހިމެނޭ ސަރަހައްދެކެވެ.
ސޯމާލިއާގެ ކިބައިން ވަކިވެގަނެ ސޯމާލިލޭންޑުން ވަކި ވެރިކަމެއް އިއުލާން ކުރީ 1991 ވަނަ އަހަރުއެވެ.
އެހެން ނަމަވެސް، މިހާތަނާ ޖެހެންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކޮށްފައެއް ނުވެއެވެ.
އިސްރާއީލުން ސޯމާލިލޭންޑަކީ މިނިވަން ގައުމެއް ކަމަށް ބަލައިގަތުމުން، އަރަބި އިސްލާމީ ގައުމުތަކާއި، ދުނިޔެއިން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ. އަދި ސޯމާލިއާ ބައިބައި ކޮށްލަން ފުރުސަތު ނުދޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުން ސޯމާލިލޭންޑަކީ މިނިވަން ގައުމެއް ކަމަށް ބަލައިގަތުމުގެ ފަހަތުގައިވާ ބޭނުން މިހާރު މިވަނީ ހާމަވެފައެވެ.
އެއް ކަމަކީ، ޣައްޒާގެ މުސްލިމުން ގަދަކަމުން ރަށުން ބޭރުކޮށް ސޯމާލިލޭންޑްގައި ގާއިމްކުރާ ރެފިއުޖީ ކޭމްޕްތަކުގައި ވަޒަންވެރިކުރުމެވެ. ޣައްޒާގެ ނަސްލުނައްތާލަން މުޖުރިމު ނަތަންޔާހޫ ކުރަމުންދާ މަސައްކަތުގައި ސޯމާލިލޭންޑް މިވަނީ ބައިވެރިވެފައެވެ.
ދެވަނަ ކަމަކީ އަދަން ކަނޑުގެ އައްސޭރިފަށުގައި އިސްރާއީލުގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމެވެ. އެއީ، ރަތްކަނޑާއި، އިންޑިއާ ކަނޑުގެ ކޮންޓްރޯލް އިސްރާއީލަށް ނެގުމަށެވެ.
ތިންވަނަ ކަމަކީ، އަބްރަހަމް އެކޯޑްސްގައި ސޯމާލިލޭންޑް ބައިވެރިވެ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރުމެވެ.
ޒަޔަނިސްޓު ދައުލަތުގެ ޚާރިޖީ ވަޒީރު ސައާރް ސޯމާލިލޭންޑް ދިޔަ ދިއުން ސޯމާލިއާ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
ސޯމާލިއާ ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯމާލިއާއަށް އެނގުމަކާނުލައި، ސޯމާލިއާގެ އެއްވެސް ސަރަހައްދަކަށް ބޭރުގެ މީހަކަށް އާދެވިގެން ނުވާނޭ ކަމަށާއި، އިސްރާއީލު ޚާރިޖީ ވަޒީރުގެ ދަތުރަކީ، ޣައިރުގާނޫނީ ދަތުރެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު