ޕީއެސްއެމްއިން ތައްޔާރުކުރި “ނިމުނު 52 ހަފުތާ 2025″ ފޮތް އިފްތިތާހްކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ނިމުނު އަހަރުގެ މުހިންމު ހުރިހާ ޚަބަރެއް އެއްކޮށްލެވިފައިވާ “ނިމުނު 52 ހަފުތާ 2025″ ފޮތް އިފްތިތާހްކޮށް ދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.
އަހަރުގެ 52 ހަފުތާގައި ހިނގި މުހިންމު ހުރިހާ ކަމެއް ހިމެނޭ މި ފޮތުގައި ހުރި ހުރިހާ ޚަބަރަކީ ޕީއެސްއެމް ނިއުސްރޫމުގެ ނޫސްވެރިން ލިޔެފައިވާ ޚަބަރުތަކެވެ. ފޮތުގެ ލޭއައުޓް ހެދުމުގައި އިންފޯގްރެފިކްސްވެސް ތައްޔާރު ކޮށްފައިވަނީ ޕީއެސްއެމް ޓީމްއިންނެވެ.
މި ފޮތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ސްޓޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް އަހުމަދު ޖަދުއާން ވިދާޅުވީ މި ފޮތް ހަގީގަތަކަށް ވުމުން އަސްލަކީ ޕީއެސްއެމްގެ ނޫސްވެރިން ކުރި ބުރަ މަސައްކަތް ކަމުގައެވެ. އަދި އެއީ މި ފޮތް ނެރުމުގެ ހަގީގީ ފެށުންކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުތެރޭ ޕީއެސްއެމް ނިއުސްއަށް އައި ބޮޑެތި ބަދަލުތަކުގެ ހަގީގީ މޭސްތިރިއަކީ ނިއުސް ހެޑް އަމީންކަމަށެވެ.
2024 ވަނަ އަހަރު ކުރެވުނު މަޝްވަރާއިން އުފެދުނު ޚިޔާލުން ތައްޔާރުކުރެވުނު މި ފޮތަކީ އާންމު ރައްޔިތުންނަށާއި، ތާރީޚު ދިރާސާކުރާ ބޭފުޅުންނަށާއި މައުލޫމާތަށް ލޯބިކުރާ ހުރިހާ ފަރާތަކަށް ވަރަށް ބޭނުންތެރި ފޮތަކަށް ވާނެކަމަށް ޕީއެސްއެމްގެ އެމްޑީ ޝަކީބު މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު