ސޫރިޔާގެ ހަލަބްގައި، ސޫރިޔާ ސިފައިންނާއި، ކުރުދީ ސީރިއަން ޑިމޮކްރަޓިކް ފައުޖާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކއް ފަށައިފިއެވެ.
މި ކުރިމަތިލުންތަކުގައި މިހާތަނަށް 2 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އަދި އިތުރު 11 މީހުން ޒަޚަމްވެފައިވާ ކަމަށާއި، ތެރޭގައި ސިފައިންގެ މީހަކާއި، ސަލާމަތީ ޚިދުމަތްތަކުގެ އިތުރު އޮފިޝަލަކު ހިމެނޭ ކަމަށްް ރިޕޯޓްތައް ބުނެއެވެ.
މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައިވެސް އާންމުން ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އާންމުންތަކެއް މަރުވެ އަދި އެތައް ބަޔަކު ޒަޚަމްވީ، ހަލަބްގައި ޖަހާފައިވާ ސޫރިޔާ ސިފައިންގެ ޕޯސްޓަކަށް ކުރުދީ ސޫރިއަން ޑިމޮކްރަޓިކް ފައުޖުން ހަމަލާ ދިނުމުންނެވެ.
ކުރުދީ ފައުޖާއި ސޫރިޔާ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން އެ ސަރަހައްދުން އެތައް އާންމުން އާއިލާތަކާއެކު އެހެން ހިސާބުތަކަށް ދަތުރު ކުރަމުންދާ ކަމަށް، ސޫރިޔާ ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީ، ސަނާއިން ބުނެއެވެ.
ސިފައިންގެ ޕޯސްޓަށް ދެވުނު ހަމަލާ، ސޫރިޔާ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެއެވެ.
ކުރުދީ ފައުޖުން ސޫރިޔާ ސިފައިންގެ މަގާމަކަށް ހަމަލާ ދީފައި މިވަނީ، ސޫރިޔާ ސިފައިންގެ ފައުޖުގައި ކުރުދީ ފައުޖުގެ ހަނގުރާމަވެރިން ރަސްމީގޮތުން ހިމެނުމަށް ކަނޑައަޅާފައިވާ ސުންގަޑި ގާތްވަމުން ދަނިކޮށެވެ.
މިކަމުގެ އެއްބަސްވުމުގައި ސޫރިޔާގެ ރައީސް އަހްމަދު އައްޝަރްއާ ސޮއި ކުރައްވާފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ނަމަވެސް، އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒުކުރުން ކުރިއަށްދަނީ ވަރަށް ލަސްކޮށެވެ.
ކިޔުންތެރިންގެ ހިޔާލު