ތައިލެންޑާއި ކެމްބޯޑިއާއިން ބޯޑަރު ހުރަސްކޮށް އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން ދެގައުމުންވެސް “މައިތިރިވުމަށް” މެލޭޝިޔާއިން ގޮވާލައިފިއެވެ.
ތައިލެންޑާއި، ކެމްބޯޑިއާއިން އަލުން ހަމަލާތައް ބަދަލުކުރަން މިފެށީ، ހަމަލާތައް ހުއްޓާލުމަށް މެލޭޝިޔާއާއި އެމެރިކާ މެދުވެރިވެގެން ޖުލައިމަހު އެއްބަސްވުމެއް ވެފައި ވަނިކޮށެވެ.
އަލުން ހަމަލާތައް ފެށުމުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، އެކަމާ ވަރަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށެވެ.
ތައިލެންޑާއި ކެމްބޯޑިއާއިން ބޯޑަރު ހުރަސްކޮށް އަލުން ހަމަލާތައް ދޭން ފެށުމުން، ހަމަޖެހުން ގާއިމްކުރުމަށް ކުރެވުނު މަސައްކަތަށް ނުރައްކާ ވެފައިވާ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.
ތައިލެންޑް ވައިގެ ސިފައިންވަނީ، ދެގައުމު ވަކިކުރާ ބޯޑަރު ހުރަސްކޮށް ކެމްބޯޑިއާގެ ތެރެއަށް ވައިގެ ހަމަލާތަކެއްވެސް ދީފައެވެ.
އަދި ކެމްބޯޑިއާ ސިފައިންވެސް ތައިލެންޑް ތެރެއަށް އެއްގަމުމަގުން ހަމަލާތަކެއް ދީފައި ވެއެވެ.
މި ހަމަލާތަކުގައި ތައިލެންޑުން ސިފައިންގެ މީހަކު މަރުވެފައި ވާއިރު، ކެމްބޯޑިއާއިން އާންމުންގެ ހަތަރު މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ތައިލެންޑް އަސްކަރިއްޔާއިން ބުނެފައިވަނީ، ތައިލެންޑްގެ އިސްތިގްލާލާއި، ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ކެމްބޯޑިއާއަށް ވައިގެ ހަމަލާތައް ދޭނޭ ކަމަށެވެ.
ތައިލެންޑާއި، ކެމްބޯޑިއާއާ ދެމެދު މައްސަލަ ޖެހިގެން އުޅެނީ ދެގައުމު ވަކިކުރާ ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމާ މެދުގައެވެ.
ޖުލައިމަހުގެ ތެރޭގައި 5 ދުވަސް ވަންދެން ހިނގި ކުރިމަތިލުންތަކަށްފަހު މެލޭޝިޔާ އަދި އެމެރިކާ މެދުވެރިވެގެން ހެދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ ތައިލެންޑާއި ކެމްބޯޑިއާއިންވެސް ގެންދަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމު އަޅުވަމުންނެވެ.
ބޯޑަރުގެ މިލްކުވެރިކަމުގެ މައްސަލަ ހޫނުވާން ފެށީ، މެއިމަހުގެ ތެރޭގައި ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި ކެމްބޯޑިއާ ސިފައިންގެ މީހަކު މަރުވުމާ ގުޅިގެންނެވެ.
ޖުލައިމަހު މައްސަލަ އިތުރަށް ހޫނުވީ، ބޯޑަރު ސަރަހައްދުގައި ލޭންޑް މައިނެއް ގޮވައި، ތައިލެންޑް ސިފައިންގެ 5 މީހަކު ޒަޚަމްވުމާ ގުޅިގެންނެވެ.
މިއާއެކު ފަސްދުވަސް ވަންދެން ބަދަލުކުރި ހަމަލާތަކުގައި ދެފަރާތުން 48 މީހުން މަރުވިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް އެހީތެރިވުމަށް މެލޭޝިޔާ އޮތީ ތައްޔާރަށް ކަމަށެވެ.
ޚިޔާލު ތަފާތުންތައް އުފެދި ކޮޅެއްގައި ނުޖެހި ދިގުލައިގެންދާ މިފަދަ މައްސަލަތައް ސަރަހައްދުގައި އޮތުމަށް އެދިވަޑައި ނުގަންނަވާ ކަމަށްވެސް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު