މާލެ އާއި ވިލިމާލެ ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ ސަރުކާރުގެ ވިސްނުން ނޫން ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. މުއްޠަލިބް މިފަދައިން ވިދާޅުވީ ވިލިމާލޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވިލިމާލޭގައި ކުރާނީ އެރަށުން ލިބެން އޮތް ހުރިހާ ޖާގައެއް ބޭނުންކޮށްގެން ކަމަށެވެ. މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަރު ހަމަޖައްސައި މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވިލިމާލެއަށް ސަރުކާރުން ގެނެސްދޭ ބޯހިޔާވަހިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ތެރެއިން ހިންގާ މަޝްރޫޢެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމާއި ހުރިހާ މަގެއް ތަރައްޤީކުރުމުގެ މަސައްކަތުގެ މަރުޙަލާތައް ވެސް ސަރުކާރުން ފުރިހަމަކުރަމުން އަންނަކަމަށް ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވިލިމާލެ މަގުތައް ހަދަނީ މާލޭގެ މަގުތަކާއެކު ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު އެކަމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، މަގުތައް ހަދާއިރު ފެނާއި ނަރުދަމާ އަދި ކަރަންޓު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހުރިހާ މަސައްކަތެއް އެއްކޮށް ކުރަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް ކުރިއަށްގެންދަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބްރިޖުގެ މަސައްކަތުގައި މޫދު އަޑީގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ބްރިޖުގެ މަސައްކަތް ކުރަނީ މުޅިން އާ ކޮންޓްރެކްޓަރަކަށް ވެފައި، އެމަސައްކަތް އަވަސް ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“މި ތަރައްޤީ އަންނައިރުގަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ކޮންމެހެން ނަގަންޖެހޭ ބިމެއް ނަގައިގެން ތަރައްޤީކުރުން ފިޔަވައި. މިސާލަކަށް ހައުސިން ޔުނިޓް އެޅުމަށްޓަކައި އަޅުގަނޑުމެން ގަސްތަކެއް ކަނޑަން ޖެހޭ. އެއީ ބިން ނެތީމަ. އެހެން ނޫނީޔާ ވީހާވެސް ބޮޑަކަށް ގަސްތައް ބަހައްޓައިގެން ރައްޔިތުންނާ މަޝްވަރާކޮށްގެން ގާއަޅަންޖެހޭ މަގުތަކުގައި ގާއަޅައިގެން، ތާރު އަޅަންޖެހޭ މަގުތަކުގަ ތާރު އަޅައިގެން އެގޮތަށް ތަރައްޤީކުރާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން” ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ ޙިއްޞާކުރެއްވުމަށްފަހު ވަޒީރު ޑރ. މުއްޠަލިބް ވަނީ ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ.
“ސަރުކާރުގެ އެއްވެސް ވަރެއްގެ ވިސްނުމެއް ނެތޭ ވިލިމާލޭގައި މިދެންނެވި ގޮތަށް މާލޭން ނޫނީ ހުޅުމާލެއިން ވެސް އަދި ގުޅިފަޅުން ތިލަފުށިން އަންނަ ވެހިކަލްތައް ވެސް ވިލިމާލެ ތެރެއަށް ވަދެގެން ދަތުރުކުރެވޭނެ މަގުފަހި ކުރުމަށް. އޭގެ ބަދަލުގަ އަޅުގަނޑުމެންނަށް އެއަޮތް ސަރަޙައްދުގައި ޕާކުކޮށްފައި ޕަބްލިކް ޓްރާންސްޕޯޓް ނޫނީޔާމު ދެން އެ އޮންނަ ވަޞީލަތެއް ބޭނުންކޮށްގެން ވިލިމާލެ ތެރޭގައި ދަތުރުކުރުމުގެ މަގުފަހިކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ،” ވަޒީރު ވިދާޅުވިއެވެ.
ވިލިމާލޭގައި އިންޖީނުލީ އުޅަނދު ނުދުއްވޭ ގޮތް ހެދުމަށް، ޕާކިން ބިލްޑިން އެޅުމަށް މިދިޔަ ހަފްތާގައި ނިންމާފައިވާ ކަމަށެވެ. އަދި، އިންޑިއާގެ ލައިން އޮފް ކްރެޑިޑްގެ ތެރެއިން ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު