ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް)ގެ 20 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ މުބާރާތް ބާއްވަން ރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2026 ވަނަ އަހަރު މާޗު މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް އޮންނަ ސާފް 20 އަަހަރުން ދަށުގެ މުބާރާތް ބާއްވަން ރާއްޖެއިން ޝައުގުވެރިވެ، އެކަމަށް ހުށަހަޅާފައިވާ ކަމަށެވެ.
އެފްއޭއެމްއިން ބުނީ އެ މުބާރާތް ހޯސްޓް ކުރުމަށް މަސައްކަތް ކުރަމުން ދަނީ ސަރަހައްދީ ފެންވަރުގައި ޔޫތު ކުޅުންތެރިން އުފައްދަން ރާއްޖެއިން އެއްބާރުލުން ދިނުމުގެ ގޮތުންނާއި، އެ މުބާރާތް އަމިއްލަ ގައުމުގައި ކުޅުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް މުހިއްމު ތަޖުރިބާއަކަށްވާނެތީ ކަމަށެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ބުނީ ރާއްޖޭގައި ކާމިޔާބުކަމާއެކު މުބާރާތް ހޯސްޓް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެފްއޭއެމްއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ސާފްގެ އެސްކޯ ބައްދަލުވުމަށްފަހުއެވެ. އެ ފުރުސަތު ލިބިއްޖެނަމަ، މިހާރުން ފެށިގެންވެސް ތައްޔާރީތައް ފަށާނެ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.
މީގެ ކުރިން ރާއްޖެއިން އެންމެފަހުން ޔޫތު މުބާރާތެއް ހޯސްޓް ކުރީ އައްޑޫ ސިޓީގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެވެ.
ކިޔުންތެރިންގެ ހިޔާލު