ކޮރަޕްޝަންގެ ޝަރީއަތަށް މުޖުރިމު ނަތަންޔާހޫ ކޯޓަށް ހާޟިރުކޮށްފިއެވެ.
ނަތަންޔާހޫ ކޯޓަށް މި ހާޟިރުކުރީ، ހަނގުރާމައިގެ ތެރޭގައި އޭނާ ކޯޓަށް ހާޟިރުކުރުމަށް ތާވަލްކުރި ކޮންމެ ފަހަރަކު، ހަނގުރާމަ ކުރިއަށްދާތީ ޝަރީއަތް ފަސްކޮށްދޭން އެދި، ޝަރީއަތް ފަސްކުރުމަށް ފަހުގައެވެ.
ތެލް އަވީވްގެ ކޯޓްހައުސްއަށް ހާޟިރުކޮށް، ދައުވާ އިއްވުމުން ނަތަންޔާހޫވަނީ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައެވެ.
ނަތަންޔާހޫ ކޯޓަށް ހާޟިރުކުރި ވަގުތު އެތައްހާސް ބަޔަކު ކޯޓު ކައިރިއަށް އެއްވެ ޝަރީއަތް ކުރިއަށް ގެންދަން ގޮވައި އަޑު އުފުލާފައި ވެއެވެ.
ކޮރަޕްޝަނާއި، ރިޝްވަތާއި، ޚިޔާނާތާއި، ފަސާދައާއި، މަގާމުގެ ނާޖާއިޒް ނުފޫޒު ބޭނުންކުރުމުގެ އެތައް މައްސަލައެއްގައި ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލިފައި ވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިހަށްދުވަހު އިސްރާއީލަށް ކުރި ޒިޔާރަތުގައި، އިސްރާއީލުގެ ޕާލަމެންޓްގައި ވާހަކަ ދައްކަމުން، ނަތަންޔާހޫއަށް މައާފް ދިނުމަށް އިސްރާއީލުގެ ރައީސްގެ ކިބައިން އެދިފައި ވެއެވެ.
އެކަމާ ގުޅިގެން ބޮޑެތި ފާޑުކިއުންތައް އަމާޒުވާން ފެށުމުން، އެމެރިކާގެ ރައީސް ޓްރަމްޕް ފަހުން ބުނެފައިވަނީ، ނަތަންޔާހޫއަށް މައާފް ދިނުމަށް އޭނާ އެދުނީ، އިސްރާއީލުގެ ޕާލަމެންޓުގައި ނަތަންޔާހޫއަށް އޮތް ތާއީދުގެ ބޮޑުކަން ފެނިގެން ކަމަށެވެ.
ނަތަންޔާހޫއާ ދެކޮޅަށް މައިގަނޑު 3 ދައުވާއެއް އުފުލިފައިވާއިރު، ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާގައި އޭނާގެ އަންހެނުން ސާރާގެ މައްޗަށްވެސް ދައުވާ އުފުލާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު