ކުއްލި ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

ދިގަލިއާއި އާރިފް ހިމެނޭހެން ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކުރެވި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކުރެވިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަަތަރު މީހުން:

  • އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ
  • މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި
  • މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް
  • ޒިވާރް އިސްމާއިލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ

އޭގެ ތެރެއިން އާރިފަކީ ލޮޓަސްގެ ވެރިޔާ އެވެ. ދިގަލި ވަހީދަކީ އެޕޯލޯގެ ވެރިޔާ އެވެ. ދެން ހިމެނޭ މުއާޒަކީ ލިޓަސްގެ ވެރިޔާ އެވެ. ޒިވާރަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށްވާ އިރު، މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އެވެ.

އެނގިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން މިއަދު ވަނީ ދިގަލި ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. އާރިފުގެ ބަންދަށް 15 ދުވަސް ޖެހި އިރު، ޒިވާރު އިސްމާއީލްގެ ބަންދަށްވެސް ކުރިމިނަލް ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. މުއާޒްގެ ބަންދަށް ކުރިމިނަލް ކޯޓުން ޖަހައިދީފައިވަނީ ފަސް ދުވަހެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

އެ ދެ ކޮންޓެއިނަރު ގެއްލިފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ.

އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ. އެކަން އެމްޕީއެލުން ހާމަކުރީ މިއަދެވެ.

“ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ކުންފުނީގެ ހިންގުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ” އެމްޕީއެލުން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައާ ގުޅިގެން އެ އިދާރާގެ މުވައްޒަފަކަށް ތުހުމަތު ކުރެވޭކަން ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކަސްޓަމުން ބުނެފައިވަނީ އެކަމުގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒަކީ މީގެ ކުރިން ވެސް އެފަދަ އެހެން މައްސަލައެއްގައި 2019 ވަނަ އަހަރު ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މީހެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މުއާޒް، ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

އެ މައްސަލައަކީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާތީ، ކަސްޓަމްސްއިން ބަލަމުންދިޔަ މައްސަލައެކެވެ.

އޭސީސީން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމްސްއިން ބަލަމުންދިޔަ އެ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒް އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން އެނގި ހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu city

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

Ii

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

އިތުރުމީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި

Mal

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޒާޔާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

TTH_advertisement