އެމްޑީޕީ ސަރުކާރުން ބަދަލުގެ ގޮތުގައި އޭނާގެ ކުންފުންޏަށް އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސްވިފްޓް އިންޖިނިއަރިންނަށް ބަދަލު ދިނުމުގައި ނާޖާއިޒު މަންފާ ހޯދައިދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.
އެކަމާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ސައުދުﷲ ވިދާޅުވީ ބަދަލުގެ ގޮތުގައި ސްވިފްޓަށް އެއްވެސް ފައިސާއެއް މިދިޔަ ސަރުކާރުން ދީފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސްވިފްޓަށް ދީފައިވާ 6 މަޝްރޫއެއް ގާނޫނާއި ގަވައިދާ ހިލާފަށް ބާތިލްކުރި ކަމަށެވެ. އެކަމާ ހުރެ އެ ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލެއްވި ސެޓްލްމަންޓް ކޮމިޓީއަށް އޭނާ ހާޒިރުކުރުމުން، ބަދަލުގެ ގޮތުގައި ފައިސާއަށް ވުރެ، ވަކިކުރެވުނު މަޝްރޫއުތަކާ އެއް މިންވަރަށް އަގު ހަމަޖައްސައިގެން މަޝްރޫއުތައް ދިނުމަށް ކޮމިޓީގައި އެދުނު ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
އެހެންވެ، ފައިސާ ދިނުމުގެ ބަދަލުގައި ވަކިކުރެވުނު 6 މަޝްރޫއުގެ ތެރެއިން 4 މަޝްރޫއުގެ އަގަށް ހަމަޖައްސައިގެން 5 މަޝްރޫއު ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ހިންގަން ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވީ އަނެއް 2 މަޝްރޫއަށް މިހާތަނަށް ފައިސާގެ ބަދަލެއް ވެސް އަދި އެއްވެސް މަޝްރޫއެއް ވެސް ދީފައި ނުވާ ކަމަށެވެ.
“މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު ފައިދާއެއް ލިބިފައިވޭ. މި މައްސަލަ ކޯޓަށް ހުށަހެޅި ނަމަ، ސްވިފްޓް އިންޖިނިއަރިންއަށް ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުނީސް،” ސައުދުﷲ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު