ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 41 ވަނަ ބުރު އައްޑޫ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ފަށައިފިއެވެ. މި ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހު 10 ވަނަ ދުވަހުއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާންއެވެ.
މި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވެފައިވެއެވެ.
41 ވަނަ އަސާސީ ތަމްރީނު ކޯސް 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާއިރު މި ކޯހުގައި 210 ފުލުހުން ބައިވެރިވެއެވެ. އެގޮތުން މީގެ ތެރޭގައި ހިމެނެނީ 96 އަންހެން ފުލުހުންނާއި 114 ފިރިހެން ފުލުހުންނެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު