ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެނެޑާއިން ފަލަސްތީނު ދައުލަތް ބަލައިގަންނަ ނަމަ، ކެނެޑާއާއެކު ވިޔަފާރީގެ ޑީލް ހަދަން ވަރަށް އުނދަގޫވާނެ: ޓްރަމްޕް

ފަލަސްތީނުގެ މިނިވަން ދައުލަތް ސެޕްޓެމްބަރު މަހު ރަސްމީގޮތުން ބަލައިގަންނާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާރނީ އިއުލާން ކުރެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާއަށް އިންޒާރު ދީފިއެވެ.

ޓްރަމްޕްގެ އަމިއްލަ ޓުރުތު ސޯޝަލްގައި މިއަދު ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވަނީ، ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް އެކަށައެޅި ޕްލޭންގެ ސަބަބުން ކެނެޑާއާއެކު ވިޔަފާރީގެ އެއްބަސްވުން ހެދުމަށް އެމެރިކާއަށް ވަރަށް އުނދަގޫވާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ އެތައް މުދަލަކުން 35 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމާފައެވެ.

މިކަމުގެ ވާހަކަތައް އެމެރިކާއާއި ކެނެޑާއާ ދެމެދު މިހާރުވެސް ދެކެވެމުންދާއިރު، ޓްރަމްޕް ބުނެފައިވަނީ ހުކުރު ދުވަހާ ހަމައަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ 35 އިންސައްތަ ޓެރިފް ނަގަން ފަށާނޭ ކަމަށެވެ.

އެކަމަކު، މިހާރު ޓްރަމްޕް އިންޒާރު ކޮށްފައިމިވަނީ، ކެނެޑާއިން ފަލަސްތީނު ދައުލަތް ބަލައިގަންނަ ނަމަ، އެއްބަސްވުމަށްދާން ވަރަށް އުނދަގޫވާނޭ ކަމަށެވެ.

ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ބަލައިގަތުމަށް ފްރާންސުން ނިންމުމުންވެސް ޓްރަމްޕްވަނީ އެގައުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޓްރަމްޕް ބުނެފައިވަނީ، ފްރާންސުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކޮށް ބަލައިގަތުމަކީ “މާ ބުރަދަނެއްހުރިކަމެއް ނޫން” ކަމަށެވެ. އެއީ، ތާކުންތާކުނުޖެހޭ ޕްލޭނެއް ކަމަށެވެ.

ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކުން ވާނޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެކަން ކުރުމަކުން، އެއީ އެއްވެސް ބުރަދަނެއްހުރި ކަމަކަށް ނުވާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލު ވަރަށް ބޮޑަށް ދެކޮޅު ހަދަމުން އިންޒާރުތައް ދެމުންގެންދާއިރުވެސް، ދުނިޔޭގެ އެތައް ގައުމުން ގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ބަލައިގަންނަމުންނެވެ. އަދި ސެޕްޓެމްބަރު މަހު ބާއްވާ އދގެ ޖެނެރަލް އެސެމްބްލީގައި އެކަން އިއުލާން ކުރުމަށްވެސް ގެންދަނީ ތައްޔާރުވަމުންނެވެ.

ކެނެޑާގެ ބޮޑުވަޒީރު މާރކް ކާރނީ ވިދާޅުވީ، ކެނެޑާއިން އުންމީދުކުރަމުން ދިޔައީ ވާހަކަ ދައްކައިގެން ދެ ދައުލަތުގެ ހައްލު ހޯދިދާނެ ކަމަށް ކަމަށާއި، އެހެން ނަމަވެސް އެކަން ވެދާނޭކަމަށް މިހާރު ނުބެލެވޭތީ، ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް

ތުރުކީއަށް ދިންކަމަށް ބުނާ ހަމަލާ ތަހްގީގުކުރަން ބޭނުން، ދޮގުތަކުގެ އަސަރު ގުޅުމަށް ކޮށްގެން ނުވާނެ: އީރާނުގެ ރައީސް