އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއީ މި ޕްރޮގްރާމްގެ 111 އަދި 112 ވަނަ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެކެވެ.
އިސްކަންދަރު ސްކޫލްގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަންގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީހުއާއި މާލެ ފްރޮންޓްލައިން ޕޮލިސިންގ ގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމް އާއި ތިލަމާލެ ޕޮލިސްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ބައެއް އޮފިސަރުންނާއި، ތައުލީމީ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. ޢާއިޝަތު ވަހީދާ އާއި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީއާއި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހީމް ވަހީދުގެ އިތުރުން އެ ދެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސީނިއަރ މެނޭޖްމަންޓް ސްޓާފުންނާއި ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލް ގުޅިގެން ހިންގި މި ޕްރޮގްރާމުގައި ދެ ސްކޫލުން ޖުމުލަ 52 ދަރިވަރުން ބައިވެރިވިއެވެ. އޭގެ އިތުރުން، ޓްރެފިކް ކޯޑިނޭޓަރުންގެ ގޮތުގައި ޖުމުލަ 11 ޓީޗަރުން ބައިވެރިވެފައި ވެއެވެ. ފަސް ދުވަހުގެ މުއްދަތަށް ހިނގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2025 މެއި 17 އިން 21 އަށެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާނެ ޖީލެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، ޓްރެފިކް ސައިންތަކާއި، ޓްރެފިކް މޮނިޓަރުންގެ ރޯލާއި އަދި މަގުމަތީގައި ދިމާވާ ހާދިސާތަކުން ސަލާމަތްވުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާއި ސިއްހީ ކުއްލި ހާލަތެއްގައި އަވަސް ފަރުވާ ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.