ސައިކަލް ދުއްވަމުން ފޯނު ބަލަމުން ދިޔަ މީހަކު ހޯދައި އެމީހާއާމެދު ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެން އެމައްސަލަ ބަލާފައިވާ ކަމަށެވެ. މި މައްސަލައިގައި ހިމެނޭ މީހާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އޭނާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސްވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ މީހަކު ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. އަދި ސައިކަލު ދުއްވަމުން ދިޔަ ވަގުތު ސައިކަލުގެ ފަހަތުގައި އިތުރު މީހަކުވެސް އިންނަ މަންޒަރު ފެންނަން ހުއްޓެވެ.
ފުލުހުން ވަނީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ހަނދާންކޮށްދީފައެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގެ ދަށުން، މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން، ހެޑްސެޓު ބޭނުން ކުރުމާއި އެހެން މީހެއްގެ އެހީތެރިކަމާއެކު ފޯނުން ވާހަކަ ދެއްކުން ވެސް މި ގަވާއިދުގައި މަނާކޮށްފައިވެއެވެ.