ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ޓެކްސީ ލައިން ހިންގަން އެމްޓީސީސީއަށް ސަރުކާރުން ސަބްސިޑީއެއް ނުދޭނެ: އަމީން

މާލޭގައި ޓެކްސީ ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ތަޢާރަފުކުރާ ޓެކްސީ ލައިން ހިންގުމަށް އެ ކުންފުންޏަށް ސަރުކާރުން ސަބްސިޑީއެއް ދޭން ނުޖެހޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޓެކްސީ ލައިނަކީ އެ ޚިދުމަތުން ލިބޭ އާމްދަނީން ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ.

އަމީން އިތުރަށް ވިދާޅުވި ގޮތުގައި، މި ޚިދުމަތް ފެށުމަށްޓަކައި ކެޕިޓަލް އިންވެސްޓްމަންޓުގެ ގޮތުގައި ސަރުކާރުން އެމްޓީސީސީއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިނިސްޓަރު އަމީން އަދި ވިދާޅުވެފައިވަނީ، މާލޭ ސަރަހައްދުގައި ފަށާ ޓެކްސީ ލައިނުގެ ސަބަބުން މިހާރު ޓެކްސީ ޚިދުމަތް ދެމުންދާ އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ. އެމްޓީސީސީން ޓެކްސީ ލައިނެއް ތަޢާރަފުކުރި ނަމަވެސް، މިހާރު ޓެކްސީ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތުގައި ދެމިތިބުމުގެ ފުރުޞަތު އޮންނާނެކަން ފާހަގަކުރައްވަމުން، އަމީން ވިދާޅުވީ މިހާރު ޚިދުމަތް ދޭ ފަރާތްތަކަށް އައު ޓެކްސީ ލައިނުގެ ވަޒީފާއާވެސް ގުޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އިތުރަށް އަމީން ވިދާޅުވީ، ޓެކްސީ ލައިނަށް 100 ޓެކްސީ ތަޢާރަފުކުރުމުގެ މަޤްޞަދަކީވެސް މިހާރު ޚިދުމަތް ދެމުންދާ ފަރާތްތަކަށް ދަތިނުވާނެހެން ޚިދުމަތް ތަޢާރަފުކުރުން ކަމަށެވެ. އަދި ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފުކުރުމުގެ މަޤްޞަދަކީ މިހާރު އެކަންކުރާ ފަރާތްތައް ހުއްޓުވުން ނޫންކަން ތަކުރާރުކޮށް އަމީން ފާހަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ، ޓެކްސީ ލައިން ޚިދުމަތަށް ނެރުމުން، އަމިއްލައަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކާރުތަކާއި ސަރުކާރުގެ ޓެކްސީ ލައިނުގެ ކާރުތައް ގުޅިގެން ދިއުމުން މާލޭގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ޓެކްސީ ލައިނު ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ މާލެއިން ޓެކްސީ ނުލިބުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުން ކަމަށް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް އަލީ ފަޒާދު

ފޭދޫގެ ފުޓްސަލް ދަނޑާއި 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައި ބަނދަރުގެ މަސައްކަތް ފަށައިފި

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަަސައްކަތް ފަށައިފި

Majlis

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ އިސްލާހު ފާސްކޮށްފި

TTH_advertisement