ދިވެހި މަސްވެރިން ދައުލަތް ދަންނަ ބަޔަކަށް ވެއްޖެކަމަށާއި، މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއްކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމަށްފަހު، ވަޒީރު ޝިޔާމް ހާމަކުރެއްވި ގޮތުގައި، މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ލިބިދެވޭ ފުރުޞަތުތަކުން މަސްވެރިން މަޙްރޫމްނުވާނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެކެވެ.

މީގެ އިތުރުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. މިކަމަކީ މަސްވެރިންނަށް ލިބިދެވޭ ޙައްޤުތަކާއި މަންފާތައް ފުރިހަމައަށް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

އިޝްތިހާރު އިޝްތިހާރު

މަސް ބާނާތާ 48 ގަޑިއިރުގެ ތެރޭގައި މަސް ކިރުވޭނެ އިންތިޒާމް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.