ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ޒުވާނުން އިސްތިއުފާއަށް ގޮވި ނަމަވެސް އިސްތިއުފާދޭންޖެހޭކަށް ގަބޫލު ނުކުރައްވާކަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ނޫސްވެރިއަކު މިއަދު ކުރި ސުވާލެއްގެ ޖަވާބުގައި އިހުސާން ވިދާޅުވީ، ޒުވާނުންގެ ޑިމާންޑުތަކާމެދު ގޮތެއް ނިންމާނީ ސަރުކާރުން ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން އޭނާ އިސްތިއުފާދޭންޖެހޭ ކަމެއް ނެތް ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.
“އަޅުގަނޑު އަނެއްހެން ގަބޫލެއް ނުކުރަން އަޅުގަނޑު އިސްތިއުފާދޭން ޖެހޭ ވަރު ކަމެއް ވެގެން އުޅޭ ކަމަކަށެއް. ހާއްސަކޮށް މި ކޭސްއާ ގުޅިގެން އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުން އިސްތިއުފާއަށް ގޮވަނީތާ. އެކަމު ކޮން ކަމެއް ވެގެންކަން އިސްތިއުފާދޭން ޖެހެނީ. އޭގެ ރީޒަނަބަލް ޖަސްޓިފިކޭޝަނެއް އަދިޔެއް ދީފައެއް ނެތް،” އިހްސާން ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ޒުވާނުން ކުރަމުންދާ މުޒާހަރާތަކުގައި އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާދިނުމަށް އަންނަނީ ޑިމާންޑް ކުރަމުންނެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ޒުވާނާ ވެއްޓުނު ރޭ އޭނައާއެކު އުޅުނު ރައުދު އަހްމަދު ޒިލާލް މިހާރު ހުރީ ހައްޔަރުކޮށްފައެވެ.