ރާއްޖޭގައި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޖަޕާންގެ އަމިއްލަ ކުންފުންޏަކުން ގާއިމުކޮށް ހިންގާ ލޮނު އުފައްދާ ފެކްޓްރީއެއް ހއ. ދިއްދޫގައި ވަނީ ހުޅުވާފައެވެ. އެ ފެކްޓަރީ ހަދަން 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ވަނީ ކުއްޔަށް ދޫކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށާއި ކަންކަން ކުރިއަށްދާނީ ފެށުމުން ކަމަށެވެ. މިކަމުގައި މި ސަރުކާރުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ރަށުގައި ހުޅުވި ލޮނު އުފައްދާ ފެކްޓަރީގައި އިތުރު ވަޒީފާތަކެއް އުފެދި ކައުންސިލްގެ އާމްދަނީއަށް ވެސް މަހަކު ގާތްގަނޑަކަށް 12،000ރ. ލިބޭނެ ކަމަށެވެ.
ދިއްދޫގައި ހުޅުވި ފެކްޓަރީން އުފައްދާ ލޮނު ޖަޕާނަށް ވެސް އެކްސްޕޯޓްކުރަން ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ރިސޯޓުތަކަށް ވެސް އެތަނުން ފެންވަރު ރަނގަޅު ލޮނު ސަޕްލައިކޮށް ދޭނެއެވެ.
ފެކްޓަރީގައި ތިން ބާވަތެއްގެ ލޮނު އުފައްދާނެއެވެ. އެއީ ކާން ބޭނުން ކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތަކުގެ އިތުރުން، ލޮނު މަސް ތައްޔާރު ކުރުމަށް ބޭނުންކުރާ ލޮނެވެ.
ފެކްޓަރީން އުފައްދާ ލޮނަށް ދީފައިވާ ނަމަކީ ‘ޓެންޕީ ސަން ސޯލްޓް’ އެވެ.
ކިޔުންތެރިންގެ ހިޔާލު