ސްޕެނިޝް ކަޕުގެ ފައިނަލަށް ރެއާލް މެޑްރިޑް ގޮސްފިއެވެ. މި ޓީމުން ފައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު 4-4 އަށް އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާއިން 5-4 އަށް މޮޅުވެގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން 1-0 އިން މޮޅުވެފައިވެއެވެ. އެކަމަކު ރޭ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ސޮސިއެޑާޑް 4-3 އިން ކުރިއަށް ދިޔުމާއެކު، މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވިއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނިންމީ އިތުރު ވަގުތުގެ ކުޅުމުންނެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މި މެޗަށް ނެރުނު ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ކިލިއަން އެމްބާޕޭ، އެންޓޯނިއޯ ރުޑިގާ އަދި ލޫކާ މޮޑްރިޗް މެޗު ފެށީ ބެންޗުން ހިމެނެއެވެ. ދެ ޓީމުންވެސް ފޯރިގަދަ ކުޅުމެއް ދެއްކި މި މެޗުގައި، 16 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ ބަރެނެޓްޝިއާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިއެރުން ހޯދައިދީފައެވެ. ނަމަވެސް 14 މިނެޓު ފަހުން ރެއާލް މެޑްރިޑްގެ އެންޑްރިކް ވަނީ ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ.
މި މެޗުގައި ރެއާލް ސޮސިއެޑާޑުން ދެވަނަ ފަހަރަށް ކުރިއަށް ދިޔައީ 72 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑޭވިޑް އަލާބާގެ އަމިއްލަ ގޯލަކުންނެވެ. އަދި އޭގެ 8 މިނެޓު ފަހުން މިކޭލް އޮޔަރްޒަބާލް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ އެގްރިގޭޓް ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ކޯޗު އަންޗެލޮޓީ ވަނީ ދެވަނަ ހާފުގައި ޓީމަށް ބަދަލުތަކެއް ގެނެސް، އެމްބާޕޭ، ރުޑިގާ އަދި މޮޑްރިޗް ކުޅެން އަރުވާފައެވެ. ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ދެވަނަ ލަނޑު 82 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. އަދި 4 މިނެޓު ފަހުން ޗޫމޭނީ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ކުރިއެރުން ހޯދައިދީފައެވެ.
ރެއާލް ސޮސިއެޑާޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވީ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގައި އޮޔަރްޒަބާލް ޖެހި ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާ ގުޅިގެން، އިތުރު 30 މިނެޓުގެ ކުޅުމެއް ކުޅުނެވެ. މި އިތުރު ވަގުތުގެ ކުޅުން ނިމެުޅުން ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ރުޑިގާ ވަނީ ނިންމުމުގެ ލަނޑު ޖަހައި ރެއާލް މެޑްރިޑް މޮޅުކޮށްދީފައެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއެކު، މި ސީޒަނުގައި ތިން މުހިންމު މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް އެ ޓީމަށް އޮތެވެ. އެއީ ސްޕެނިޝް ކަޕާއި، ސްޕެނިޝް ލީގާ އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ. މި މެޗަކީ ދެ ޓީމުންވެސް ވަރަށް ފޯރިގަދަ ކުޅުމެއް ދެއްކި، ގިނަ ލަނޑުތަކެއް ޖެހުނު، ކުޅުންތެރިންގެ ހުނަރާއި ޓެކްޓިކަލް ޤާބިލުކަން ފާހަގަކުރެވުނު މެޗެކެވެ. ދެ ޓީމުގެ ކޯޗުންވެސް މެޗުގެ ތެރޭގައި ގެނައި ބަދަލުތަކާއި ކުރި ސްޓްރެޓެޖީ ބަދަލުތަކުގެ ސަބަބުން މެޗުގެ ވާދަވެރިކަން އިތުރަށް ފޯރިގަދަވެގެން ދިޔައެވެ.
ރެއާލް މެޑްރިޑްގެ މި ކާމިޔާބީއާއެކު، އެ ޓީމުގެ ގިނަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ޓެލެންޓުތައް އެއް ހަރުފަތެއްގައި މަސައްކަތްކުރާ މަންޒަރު ފެނިގެންދިޔައެވެ. މިއީ ކުރިއަށް އޮތް މުބާރާތްތަކުގައި ރެއާލް މެޑްރިޑަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު