މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުން ޑރ. ވިޓާލީ ލުބިމޯވް މިއަދު ވަނީ ވަކިކުރައްވާފައެވެ.

ސުވިޒަލޭންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ މި މަޤާމަށް ޢައްޔަނުކުރެއްވީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ މިފްކޯގެ ތާރީޚުގައި ސީއީއޯގެ މަޤާމު އަދާކުރެއްވި ފުރަތަމަ ބޭރު ޤައުމެއްގެ ރައްޔިތެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ހާމަކުރެއްވި ގޮތުގައި، މިފްކޯގެ ސީއީއޯކަމުން ވިޓާލީ ވަކިކުރެއްވުމަށް ނިންމަވާފައިވެއެވެ. ނަމަވެސް، މި ނިންމެވުމާ ގުޅޭ އިތުރު ތަފްޞީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

ވިޓާލީ މަޤާމުން ވަކިކުރެއްވި އިރު، މިފްކޯގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އެ މަޤާމުން ވަކިކުރައްވައި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ ޢައްޔަނުކުރައްވާފައެވެ.

މީގެ އިތުރުން، މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަޤާމުގައި ހުންނެވި އިލްޔާސް ހަނީފު ވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު އިސްތިޢުފާ ދެއްވާފައެވެ.

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް، މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ވިޓާލީ ވަނީ ވިދާޅުވެފައެވެ.

މިފްކޯގެ ސީއީއޯގެ މަޤާމާ ވިޓާލީ ޙަވާލުވެވަޑައިގަތީ، މި ސަރުކާރުން އެ މަޤާމަށް ޢައްޔަނުކުރެއްވި އަޙްމަދު ސަމާޙު ރަޝީދު ވަކިކުރެއްވުމަށް ޕީސީބީން ނިންމެވުމާ ގުޅިގެންނެވެ. ސަމާޙު ވަކިކުރެއްވީ ޕީސީބީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ސަސްޕެންޑް ކުރެއްވުމަށްފަހުގައެވެ.