ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު އައްޔަން ކުރައްވައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް ޖަމީލް އައްޔަން ކުރެއްވި އިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ އެމަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފައެވެ.
ފަޒުލް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދުގައި އެކި ގޮތް ގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އަދި އިސްތިއުފާދެއްވާފައިވަނީ އެތަހުގީގުތަކަށް ފުރުސަތުދިނުމަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި މަގާމަށް އަލަން އައްޔަންކުރި މައުރޫފް ޖަމީލް ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭގެ ފަހުން މައުރޫފް ޖަމީލް ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ސްޕެޝަލް އެޑްވައިޒަރު ކަން ވެސް ކުރައްވައިފައެވެ. ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނެ މައުރޫފް ޖަމީލް މީގެކުރިން ވަނީ ސަރުކާރުން ދިން ހާއްސަ އިނާމް، ޑިޒައިން އެނަޖީ އެފިޝަންސީ އެވޯޑް ވެސް ހާސިލް ކުރައްވައިފައެވެ.
މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކި ދުވަސްވަރުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުގެ ވެރިޔާގެ ހައިސިއްޔަތުން ހުޅުމާލޭގެ ތަރައްގީއަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެޗްޑީސީ އުފެއްދެވުމާއެކު، ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ.
ފަޒުލް ވިދާޅުވި ގޮތުގައި އޭނާ އެޗްޑީސީއަށް އައްޔަން ކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދި ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކުރެއްވި މުއާމަލާތްތަކެކެވެ. “ބިންވެރިޔާ” ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ “ބިންވެރިޔާ” ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ފަޒުލް ވަނީ ސަރުކާރަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު “ބިންވެރިޔާ” ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ. ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، ފަޒުލްގެ ބޭބެ އޮއްވައި އޭނާއަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތް ކަން ސާފުވެއެވެ. މި މައްސަލައިގައި ފަޒުލް އާއި ފަޒީލް ވެސް ހުރީ ސަސްޕެންޑްކޮށްފައެވެ.
“ބިންވެރިޔާ” ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައިގައި ފަޒުލްއާ އެކު 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ.
ގޯތިތަކުގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ވެރިންގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވިގެން ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު އަދި މިހާރުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރާ އިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ މައްސަލަ ބަލަމުންނެވެ. ރައީސް މުއިޒް ތަކުރާރުކޮށް ވިދާޅުފައިވަނީ ކޮރަޕްޝަން އަށް މިސަރުކާރުން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެއެވެ