ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޮޖިސްޓިކްސް ދާއިރާގެ ކުރިމަގު ވަރަށް އުޖާލާ: މުނީރު

ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކަކަށް އާބާދީ ބެހިފައިވާ، ޖަޒީރާ ޤައުމަކަށްވާތީ، ރާއްޖޭގެ އާންމު ދިރިއުޅުމާއި އަދި ޤައުމީ އިޤްތިޞާދު ބިނާވެފައިވަނީ ވަރުގަދަ ލޮޖިސްޓިކްސް ނިޒާމެއްގެ މައްޗަށެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ މުދަލުގެ ބޮޑުބައި މައިގަނޑު ގޮތެއްގައި އެތެރެކުރަނީ ކަނޑުމަގުންނެވެ. ރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެވަނީ ޤައުމުގެ އިޤްތިޞާދީ މައި ދޮރާށި ކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) މެދުވެރިކޮށެވެ.

އެމް.ޕީ.އެލް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގައި ޤާއިމުކޮށްފައިވާ ހަރުދަނާ ލޮޖިސްޓިކްސް ނިޒާމަކީ، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލާއި ކާބޯތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި ފަރުމާކޮށްފައިވާ ވަރުގަދަ ޤައުމީ ނިޒާމެކެވެ.

މިފަދަ ބޮޑު ޚިދުމަތެއް އެމް.ޕީ.އެލްއަށް ފޯރުކޮށްދެވެނީ ވަރަށް ގިނަ ދާއިރާތަކެއްގެ ހީވާގި މުވައްޒަފުނަތަކެއްގެ ހިތްވަރާއި ބުރަ މަސައްކަތުންނެވެ. އެގޮތުން އެމް.ޕީ.އެލްގެ ލޮޖިސްޓިކްސް އޮޕަރޭޝަންސް ޑިޕާޓްމެންޓުގެ އެސިސްޓެންޓް މެނޭޖަރު އަދި އެ ޑިޕާޓްމެންޓުގެ އިންޓަރ އެޓޯލް ލޮޖިސްޓިކްސް ޔުނިޓުގެ ހެޑް އަޙްމަދު މުނީރަކީ ކުންފުނީގެ މުހިންމު އެތައް މަސައްކަތްތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވާ އިސް މުވައްޒަފެކެވެ.

އެމް.ޕީ.އެލްގައި ޚިދުމަތް ކުރާތާ މިހާރު 11 އަހަރު ވެފައިވާ މުނީރު، އެމްޕީއެލްއާ ގުޅުނީ ލޭބަރަރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި ސާބިތުކަމާއި، ކުރި ބުރަ މަސައްކަތާއި، ހޯދި އަމަލީ ތަޖުރިބާތަކާއެކު މިއަދު އޭނާ އެވަނީ މަގާމުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މުނީރު ވަނީ އެމް.ޕީ.އެލްއިން އިންތިޒާމުކުރި ކޯޗިންގ، ކައުންސިލިންގ އަދި މެންޓަރިންގ ޕްރޮގްރާމްތައް ފުރިހަމަކުރުމުގެ އިތުރުން ‘ސެޓްފިކެޓް 1 އިން ޕޯޓް އޮޕަރޭޝަންސް’ ކޯސްވެސް ނިންމާފައެވެ.

މުނީރު މިހާރު އަދާކުރާ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓް ކާގޯގެ އެންޑް-ޓު-އެންޑް ލޮޖިސްޓިކްސް ބެލެހެއްޓުމާއި، އަތޮޅުތަކަށާއި ރަށްރަށަށް ގަޑިން ގަޑިއަށް މުދާ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ކުންފުނީގެ ވެހިކަލްތަކާއި އުޅަނދުފަހަރު އަދި މެޝިނަރީ ކުއްޔަށް ދޫކުރުމާއި، ބޮންޑެޑް ވެއާހައުސްގެ ޚިދުމަތްތައް ބެލެހެއްޓެވުންވެސް ހިމެނެއެވެ. މިއީ މުނީރާއި މުނީރުގެ ޓީމައި ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މުނީރު ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ތިލަފުށި ޕޯޓްގެ މަޝްރޫއު ނިމި ޚިދުމަތް ދޭން ފެށުމުން، ލޮޖިސްޓިކްސް ޓީމުން އަދާކުރަންޖެހޭ ދައުރާއި ޒިންމާތައް އިތުރަށް ބޮޑުވެގެންދާނެއެވެ.

ލޮޖިސްޓިކްސް ދާއިރާއަށް މުނީރުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައީ މާލޭ ސައުތު ވެސްޓް ހާބަރުގައި އޭނާ ވަޒީފާ އަދާކުރި 9 އަހަރުގެ ދުވަސްވަރުއެވެ. އެއަށްފަހު ރީޖަނަލް ޕޯޓްސް ޑިޕާޓްމަންޓަށް ބަދަލުވެ، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތަކަށް ބަދަލުއައިސް ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ގޮތުގައި ޤާއިމުވުމާއެކު، އެ ހިސާބުން މި ދާއިރާއަށް އޮތް ޝައުޤު އިތުރަށް ބޮޑުވެގެންދިޔައެވެ. އަދި އެކި ދުވަސްވަރު އޭނާ މަސައްކަތްކުރި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ދެއްވި އެއްބާރުލުންވެސް މުނީރު ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ.

ކޮންމެ ދާއިރާއެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ފަދައިން، ލޮޖިސްޓިކްސްގެ ދާއިރާގައިވެސް ގޮންޖެހުންތައް ހުރެއެވެ. އެގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ބަނދަރުގެ ޖާގައިގެ މައްސަލަ ކަމަށް މުނީރު ވިދާޅުވިއެވެ. ނަމަވެސް ތިލަފުށީގެ އައު ބަނދަރާއެކު ޖާގައިގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ޙައްލެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މުނީރަށް އެބައޮތެވެ.

” ރާއްޖެ އޮތް ލޮކޭޝަންގެ ގޮތުންނާއި ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާތީ މި ސަރަޙައްދުގެ ފާހަގަކޮށްލެވޭ މައި ލޮޖިސްޓިކްސް މަރުކަޒަކަށް ރާއްޖެ ބަދަލުވެގެންދާނެ. އެހެންކަމުން ލޮޖިސްޓިކްސްގެ ދާއިރާއިން ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެތީވެ ކަމާ ގުޅޭ އިލްމު ހޯދުމަށްފަހު ޒުވާނުން މިދާއިރާ ޚިޔާރުކުރުން މުހިއްމު” މުނީރު

އެހެނިހެން

ޢަބްދުއްޝަކޫރުގެ އިންޖިނިއަރިންގ

ފާމަސިސްޓެއްގެ ގޮތުގައި ޝަބީނާ 35 އަހަރު

އަމާނުއްލާގެ ކާމިޔާބީގެ ފަހަތުގައިވަނީ ހީވާގިކަން

ޓުއަރ ގައިޑު ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި އަންހެނަކަށް ޝީނާ