ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފާމަސިސްޓެއްގެ ގޮތުގައި ޝަބީނާ 35 އަހަރު

ސިއްޙީ ދާއިރާއަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބި، މުހިއްމު އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރަންޖެހޭ މައިދާނެކެވެ. ޞިއްޙީ ދާއިރާއިން ޚިދުމަތްދޭ އެތައް އެތައް ކަމެއް ހިމެނޭއިރު، މި ދާއިރާއިން އާންމުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބަޔަކީ ފާމަސިސްޓުންނެވެ.

އުމުރުން އެންމެ 19 އަހަރުގައި މި ޚިދުމަތުގެ ތެރެއަށް ވެދެވަޑައިގެންނެވި ޝަބީނާ މުޙައްމަދަކީ މި ދާއިރާގައި މެދުކެނޑުމެއްނެތި 35 އަހަރު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިއަދުވެސް މިދާއިރާގައި ނަމޫނާ ދައްކަވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. ކުރިން އެސްޓީއޯގައި އަދި މިހާރު ސްޓޭޓް ފާމާގެ ދަށުން ޝާބީނާ ޚިދުމަތުގައި ހަރަކާތްތެރިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފާމަސީ އިންޗާޖެއްގެ ގޮތުގައެވެ.

ދާއިރާއަށް ޝައުގުވެރިކަން އުފެދި، މިދަތުރު ފެށުން

މާލޭ އިންގްލިޝް ސްކޫލް، އެމްއީއެސް އިން ތައުލީމު ހާސިލްކުރި ޝަބީނާގެ އަމާޒަކަށްވީ ސިއްޙީ ދާއިރާއިން ކުރިއަށް ދިއުމެވެ. ނަމަވެސް ނަރުހަކަށް ވުމުގެ ޝައުގުވެރިކަން ނެތުމުން އޭނާ އިޚްތިޔާރުކުރީ ފާމަސީ ދާއިރާއެވެ. އެގޮތުން 1990 ވަނަ އަހަރު އެލައިޑް ހެލްތު ސާވިސަސް ސެންޓަރުން “ފާމަސިސްޓް އިން އެޑްވާންސް” ކޯސް ފުރިހަމަކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ޚިދުމަތަށް ނުކުމެވަޑައިގަތީ އެސްޓީއޯ މުވައްޒަފެއްގެ ގޮތުގައެވެ. އާދައިގެ ފާމަސިސްޓެއްގެ ގޮތުގައި ފެށި ދަތުރު، މިއަދު އިންޗާޖެއްގެ ޒިންމާދާރު މަސްޢޫލިއްޔަތާ ހަމައަށް ވާސިލުވެވިފައިވަނީ، ބުރަ އަދި ޝާއުގުވެރިކަމާއެކު ކުރި މަސައްކަތާއި އެކަމުގައި ސާބިތުކަންމަތީ ދެމިހުރެވުމުގެ ސަބަބުންނެވެ.

އޭރުގެ ގޮންޖެހުންތަކާއި މިހާރުގެ ލުއިފަސޭހަކަން

ޝަބީނާ ފާހަގަކުރެއްވި ގޮތުގައި މީގެ 35 އަހަރު ކުރިން މަސައްކަތް ކުރި ގޮތާއި މިހާރު މަސައްކަތްތަކަށް އައިސްފައިވަނީ ނުހަނު ތަފާޓު އަދި އިންގިލާބީ ބަދަލެކެވެ. އޭރު މުޅި މާލޭގައިވެސް ހުންނަނީ އެންމެ 4 ވަރަކަށް ޕްރައިވެޓް ފާމަސީއެވެ. ވަސީލަތްތައް މަދު ނަމަވެސް މަދު މުވައްޒަފުންތަކަކާއެކު އެކުވެރި މާހައުލެއްގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަމުގެ ހަނދާން ޝަބީނާ އާކުރެއްވިއެވެ.

“ކުރީގައި ބޭސް ސިޓީ ޑޮކްޓަރުން ލިޔަނީ އަތުން. އެ ލިޔެފައި ހުންނަ އެއްޗެއް އާންމުންނަށް ކިޔަން ނޭނގުނަސް، ފާމަސިސްޓެއްގެ ހައިސިއްޔަތުން އެ ކިޔަން އެނގުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އެކަމަކު މިހާރު ޓެކްނޮލޮޖީއާއެކު މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެއްޖެ” ޝަބީނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކޮވިޑް-19ގެ ދުވަސްވަރު ބޮޑެތި ގޮންޖެހުންތަކާއި ތަފާތު ތަޖުރިބާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ މަސައްކަތުން ލިބޭ ހިތްހަމަޖެހުން ބޮޑުކަން ޝާބީނާ ފާހަގަކުރެއްވިއެވެ.

“ބިޒީވިއަސް ވަރަށް އުފާވޭ، ބަޔަކަށް ޚިދުމަތެއް ކޮށްދެވިފައި އަޅުގަނޑުމެންނަށް ގެޔަށް ދެވޭތީ. އެ ހިތްހަމަޖެހުން އޮވޭ. ފާމަސީގައި ފެނިފައި ހުންނަ ގިނަ މީހުންނަށް ބައެއް ފަހަރު އެއްޗެއް ގަންނަން ފިހާރައަކަށް ދާއިރުވެސް އެނގޭ މި ފާމަސީގައި އުޅެފަކަން މިއައީ” އާންމުން އެކުރާ މަސައްކަތް ބަލައިގަތުމަކީ މަސައްކަތުގައި ދެމިހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

ޒުވާނުންނަށް މުހިންމު މެސެޖެއް: ފަހި ފުރުޞަތުތަކެއް އޮތް ދާއިރާއެއް

މީގެކުރިން މި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އޮތް ފުރުޞަތު ކުޑަ ނަމަވެސް، މިހާރު ޑިޕްލޮމާ އަދި ޑިގްރީ ފެންނަވަރަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެގައިވާކަން ޝަބީނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ދާއިރާއަށް ނުކުންނަ ޒުވާނުންގެ އަދަދު އަދިވެސް ނިސްބަތުން މަދުވުމަކީ ދާއިރާއާ މެދު އެކަށީގެންވާ ވަރަށް ހޭލުންތެރިކަން ނެތުމުން ދިމާވާ ކަމެއްކަމަށް އޭނާ ދެކެއެވެ.

“ކުދިންނަށް އަސްލު މި ދާއިރާއަށް އެހާ ވަރަށް ނޭނގެނީ އެވެއާ ނުވެ ހުންނާތީ ކަންނޭގެ ދާއިރާއަށް ވަންނަލެއް މަދުވަނީ. އެކަމަކު މިއީ އަސްލު ވަރަށް ރަނގަޅު ދާއިރާއެއް ވަޒީފާއަށް. މިހާރު ސްޓޭޓް ފާމާއަށް ބަލާލިޔަސް ފާމަސިސްޓުން ވަރަށް ގިނައިން ބޭނުންވޭ. ގިނަ ކުދިން ކިޔަވައިގެން އެހެން ދާއިރާތަކުން ކުރިއަށް ދަނީ. މިއީ ހަމަ ވަޒީފާ އަދާކުރުމަށް ރަނގަޅު ދާއިރާއެއް. ކުރީގެ ފާމަސިސްޓުން މިހާރު އެބައުޅޭ މެނޭޖަރުންގެ ގޮތުގައިވެސް. މި ދާއިރާ މިއޮތީ ކުރިއަށްވުރެ އެތައް ގުނައެއް ފުޅާވެފައި،” ޝަބީނާ ވިދާޅުވިއެވެ.

ޝަބީނާގެ 35 އަހަރުގެ ދިގު ތަޖުރިބާއަކީ މިއަދު ފާމަސީ ދާއިރާއަށް ވަންނަން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ނަމޫނާއެކެވެ. މިއީ މުސްތަގުބަލާއި ކުރިއެރުން އޮތް ދާއިރާއެއްކަން އޭނާގެ ހަޔާތުން ސާބިތުކޮށްދެއެވެ. މިފަދަ ހީވާގި ޒުވާނުން ދާއިރާއަށް ނުކުމެ އެ ކުންފުންޏާ ގުޅުމަށް ސްޓޭޓް ފާމާގެ ދޮރުތައް އަބަދުވެސް ވަނީ ހުޅުވިފައެވެ. ސިއްހީ ދާއިރާއިން ޤައުމަށް ޚިދުމަތްކުރުމަކީ ޒުވާނުންނަށް އޮތް މުހިންމު އަދި ބޭނުންތެރި ފުރުޞަތެކެވެ.

އެހެނިހެން

އަމާނުއްލާގެ ކާމިޔާބީގެ ފަހަތުގައިވަނީ ހީވާގިކަން

ޓުއަރ ގައިޑު ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި އަންހެނަކަށް ޝީނާ

ޢަލީ އިންޖިނިއަރިންގ ދާއިރާގައި 23 އަހަރު

ކުޑަހުވަދޫގައި ހުރެގެން ޙިފްޡުކުރި އަލްޙާފިޡު އަނަސް ބުން މުޢާޛު