ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫގައި ހުރެގެން ޙިފްޡުކުރި އަލްޙާފިޡު އަނަސް ބުން މުޢާޛު

ދ. ކުޑަހުވަދޫގައި ހުރެގެން ކީރިތި ޤުރްއާން އެއްކޮށް ޙިފްޡުކޮށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމެޓީއަށް ކިޔައިދީ އެއްވަނަ ދަރަޖައިގައި ފާސްވެ ސަނަދު ޙާޞިލުކުރި ފުރަތަމަ ދަރިވަރު އަލްޙާފިޡު އަނަސް ބުން މުޢާޛަށް އެ ރަށުގެ ރައްޔިތުން މިއަދު ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އަނަސް އަކީ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރެކެވެ. މައިންބަފައިންގެ ބަސްއަހާ ކިޔެވުމުގައި ނަމޫނާ އަޚްލާޤެއް ދައްކަމުންދާ އަނަސް ވަނީ ނުގުޑާ ފަދަ ޢަޒުމަކާއި ބުރަ ހިތްވަރަކާ އެކު މަސައްކަތްކޮށް މި މަތިވެރި ކާމިޔާބީ ހާސިލުކޮށްފައެވެ. ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ތެރެއިން މި ފަޚުރުވެރި ޝަރަފު ހޯދި ފުރަތަމަ ދަރިވަރަކީ ވެސް އަނަސް ކަމަށް ޙަލަޤާ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

އަލްޙާފިޡު އަނަސް ބުން މުޢާޛު މަންމައާއި ބައްޕައާއެކު

މި ކާމިޔާބީއަށް ފަހު އަނަސް މިއަދު ފަތިހުގެ ފްލައިޓުން ކުޑަހުވަދޫއަށް ދިއުމުން މަރުޙަބާ ކިޔުމަށް އެއާޕޯޓަށް ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޢާއިލާގެ މެންބަރުންނާއި ސްކޫލުގެ ވެރިންނާއި ދަރިވަރުން ޖަމާވެފައިވެއެވެ. މިއީ މުޅި ކުޑަހުވަދޫއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަން ފާހަގަކޮށް ޙާޒިރުވި ފަރާތްތަކުން ވަނީ އަނަސްއަށް ހިތްވަރުދީ އުފާވެރި ޝުޢޫރުތައް ފާޅުކޮށްފައެވެ.

މަރުޙަބާ ކިޔުމަށް ބޭއްވި ޚާއްޞަ ޙަފުލާގައި ޔުނައިޓެޑް އައިލެންޑް ސޮސައިޓީ (ޔޫއައިއެސް) ގެ ރައީސް އިސްމާޢީލް ޢާދިލް ވަނީ މުހިންމު ނިންމެވުމެއް އިޢުލާނު ކުރައްވައިފައެވެ. އެގޮތުން ކުޑަހުވަދޫގައި ތިބެގެން ކީރިތި ޤުރްއާން ޙިފްޡުކުރާ ކޮންމެ ކުއްޖަކަށް އެ ޖަމްޢިއްޔާގެ ފަރާތުން 10,000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ޙަލަޤާ އިންސްޓިޓިއުޓު ޕްރިންސިޕަލް އަދި ލީޑިންގ ޓީޗަރއާއެކު

މި މަތިވެރި މަސައްކަތުގައި އަނަސްއަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޙަލަޤާ އިންސްޓިޓިއުޓުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޙަލަޤާ އިންސްޓިޓިއުޓުން އިންތިޒާމުކުރި މި ޙަފުލާ ފުރިހަމަކަމާ އެކު ކުރިއަށް ގެންދިއުމުގައި ދ. ކުޑަހުވަދޫ ކައުންސިލާއި ދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ޔޫއައިއެސްގެ އިތުރުން ރަށުގެ އެކި ފަރާތްތަކުން ވެދެއްވި ދީލަތި އެހީތެރިކަން އެ އިންސްޓިޓިއުޓުން ވަނީ ޝުކުރުވެރިކަމާ އެކު ފާހަގަކޮށްފައެވެ.

އަލްޙާފިޡު އަނަސް ބުން މުޢާޛަށާއި އޭނާގެ ލޮބުވެތި ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާ އެކު މަރުޙަބާ ދަންނަވަމެވެ. މާތް ﷲ އަނަސްއަށް ބަރަކާތް ލައްވައި ޤުރްއާނުގެ ޢިލްމުން އިތުރު ކުރިއެރުން ދެއްވާށިއެވެ.

އެހެނިހެން

ޝާޔާ ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ

މިޝަން ޝާކްތީސެޓްގެ 2ވަނަ އެޑިޝަންގައި ނޯޔާ

އަބްދުﷲ: އެމްޕީއެލްގެ ވަޒީފާގައި 31 އަހަރު

ބްރޯންޒު އެވޯޑު އުމައިރަށް