އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ހަމައެކަނި ސްރީ ލަންކާ އާއި މެލޭޝިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ)އިން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި އެހެން ގައުމުތަކުގައި ފޮށި ނުބަހައްޓަނީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް މީހުން ހަމަނުވާތީއެވެ. އެގޮތުން ކޮންމެ ގައުމެއްގައި މަދުވެގެން 2,000 ދިވެހިން ދިރިއުޅެން ޖެހޭއިރު، އެއް ދާއިރާއަކުން ވޯޓުލާ 40 މީހުން އެ ފޮށްޓަކަށް ރަޖިސްޓަރީވާން ޖެހެއެވެ.
ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމުގައި އީސީން ވަނީ ހަރަދުތަކަށާއި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައެވެ. މަދު ބަޔަކު ވޯޓުލާ ނަމަ ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮންނާތީ، އެކަމަށް އިސްކަންދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި މީހުންގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން މި ނިންމުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ ރިސޯޓުތަކަށް ބަލާއިރު، މި އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ 50 ރިސޯޓެއްގައެވެ. އީސީން ހާމަކުރި ގޮތުގައި ރިސޯޓުތަކުގައި ފޮށި ބަހައްޓަނީ އެ ރިސޯޓުތަކުގެ މެނޭޖްމަންޓުން އެކަމަށް ބޭނުންވާ ނަމައެވެ. މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓާސް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު