ކްލިނިކްތަކުންނާއި، އައިނު ފިހާރަތަކުން ހަދާ އައިނުތަަކަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ބައެއް ފަރާތްތަކުން ވަނީ އައިނު ހައްދަން ބޮޑު ހަރަދެއް ކުރަންޖެހޭތީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އައިނު ހެއްދުމަށް އާސަންދައިން ލިބޭ އެހީ ބޮޑުކޮށްދިނުމަށް އެދިފައެވެ.
އެންސްޕާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށާއި ރައްޔިތުން ދިން ހިޔާލުތަކާ ގުޅިގެން އާސަންދަ ސްކީމުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީކޮށްފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތައް އާސަންދައިގެ ދަށުން ކަވަރޭޖް ކުރާގޮތަށް ހެދުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ބުންޏެވެ.
އެކަން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އުސޫލުތައް ހަދައި، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް އެންސްޕާއިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު