ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި 4،000 ފްލެޓުގެ ތެރެއިން މީގެ މަހެއްހާ ދުވަސްކުރިން މީހުން ދިރިއުޅެން ފެށި “އަމާން އުދަރެސް” ޓަވަރުގެ ފުލެޓްތަކުގެ ތެރެއިން އާދަޔާހިލާފު ބޮޑު ފެން ބިލެއް އައިސްފައިވާ ފްލެޓްތަކުގެ ފެން ބިލު ދައްކަން ޖެހޭނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަމަށް، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އަމާން އުދަރެސްގެ ބައެއް ފުލެޓުތަކުގެ ފެން ބިލަށް ވަނީ 7،000 ރުފިޔާ އަރައިފައެވެ.
އެމްޑަބްލިޔުއެސްސީން މީޑިއާތަކަށް ރޭ ބުނީ ބައެއް ފުލެޓުތަކުގެ އެހާ ބޮޑު ފެން ބިލެއް ފޮނުވިފައިވަނީ އޮޅުމެއްގެ ސަބަބުން ކަމަށެވެ. ފުލެޓުތަކުން ބޭނުންކުރާ ފެނަށް އަދި ބިލުކުރަން ފަށައިފައިނުވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެ ބިލުތަކަކީ އެފްޑީސީއަށް ބިލުކޮށްފައިވާ ބިލުތަކެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އަދި އެ ބިލުތަކަކީ ފުލެޓުތައް، މީހުންނަށް ހަވާލުކުރުމުގެ ކުރިން ބޭނުންކޮށްފައިވާ ފެނަށް ކުރި ބިލިންތަކެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ފުލެޓުތަކުން، ފެން ބިލު ދައްކަންޖެހޭނީ މިހާރު އެފްޑީސީގެ ނަމުގައި ހުރި ފެން މީޓަރުތައް، ފުލެޓުތަކުގެ ރަޖިސްޓްރީއަށް ބަދަލުކޮށް ނިމުމުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު