ކަރަންޓްގައި ޖެހިގެން މިދިޔަ މަހު ފިހުނު ސްޓެލްކޯގެ މުއައްޒަފު އިތުރު ފަރުވާދިނުމަށް ތައިލޭންޑްގެ ވެރިރަށް ބޭންކޮކަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފަށް މިހާރު ފަރުވާދެމުން ދަނީ ބޭންކޮކް ހޮސްޕިޓަލްގައި ކަމަށެވެ.
ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ފިހިފައިވަނީ ސްޓެލްކޯގެ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގައި ފިހުނު މުއައްޒަފަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. އެއަށްފަހު ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި އަނިޔާވި މުއައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. މިހާދިސާ ހިނގުމާއެކު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާކަަމަށް ސްޓެލްކޯއިން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު