ސަރުކާރުގެ ދެވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި ވަޢުދުތައް ފުއްދުމާއި ޒުވާނުން ބިނާކުރުމާއި އިޤްތިޞާދު ބިނާކުރުމުގެ ކޮންމެ މަސައްކަތަކީވެސް މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލްތަކާއި ހަމަތަކާ އެއްގޮތަށް ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ.
ރައީސް ވަނީ އިސްލާމީ ދާއިރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ، އެކި ސިޓީތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. މި އިމާރާތްތަކުން ލިބޭ ފައިސާ ހޭދަކުރާނީ ދީނީ ކަންކަމަށާއި އިޖުތިމާޢީ ކަންކަމަށް އޮންނަ އުޞޫލުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާނަށް މުސްލިމުން މުހިއްމު އިސްކަމެއްދޭންޖެހޭކަމަށް ފާހަގަ ކުރައްވަމުން ދިވެހިން ދިރިއުޅޭ ކޮންމެ ފަސްގަނޑެއްގައިވެސް ޤުރުއާނަށް އިސްކަންދޭނެ ބިނާތަކެއް ޤާއިމްކުރުމަކީ ފަޚުރެއްކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި 800 މީހުންގެ ޖާގައަށްވުރެ ބޮޑު މިސްކިތްތައް އޭސީކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރަމަޟާން މަހަށް މަދުވެގެން 5 މިސްކިތެއް އޭސީކޮށް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ރަސްމީކޮށް ހިންގާ އެންމެ އަގުބޮޑު އިނާމުގެ މުބާރާތަކީ ޤުރުއާން މުބާރާތްކަމަށާއި، ކޮންމެ ގޮތްޕަކުން 1 ވަނަ ދަރިވަރަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތުދީގެން ތަޢުލީމީ ގޮތުން ކުރިއަށްދިޔުމަށް ހިތްވަރުދިނުމަކީ މަޤްޞަދުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު