ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދިން ޓެރަރިސްޓު ހަމަލާ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަރަށް ހަރުކަށި އިމާރާތުން ކުށްވެރި ކުރައްވައިފިއެވެ.
ކާރެއްގައި ބޮމެއް ހަރުކޮށްގެން މިއަދު ގޮއްވާލާފައިވަނީ އިސްލާމްއާބާދުގައި ހުންނަ ކޯޓްހައުސް އިމާރާތުގެ ބޭރުގައެވެ.
މި ހަމަލާގައި 12 މީހުން މަރުވެ 27 މީހުން ޒަޚަމްވެފައި ވެއެވެ.
މަރުވި އަދި ޒަޚަމްވި މީހުންނަކީ، ބޮން ގޮއްވާލި ވަގުތު އެ ހިސާބުގައި އުޅުނު މީހުންނާއި، ކޯޓުގައި ތާވަލްކޮށްފައި ހުރި ޝަރީއަތްތަކުގެ އަޑުއެހުންތަކަށް އައިސް އުޅުނު މީހުން ކަމަށް ޕާކިސްތާނުން ލިބޭ ޚަބަރުތައް ބުނެއެވެ.
ކާރުބޮން ގޮއްވާލާފައިވަނީ ކޯޓުހައުސް އިމާރާތުގެ މައި ގޭޓު ކައިރީގައެވެ. އެ ހިސާބަކީ ގިނަ އަދަދަކަށް އާންމުންވެސް ދިރިއުޅޭ ސަރަހައްދެކެވެ.
މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ، މި ހަމަލާގެ ފުރިހަމަ ތަހްގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ. އަދި މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަވާނޭ ކަމަށްވެސް ވައުދުވެވަޑައި ގެންފައި ވެއެވެ.
ކޯޓްހައުސް އިމާރާތުގެ ބޭރަށް ދެވުނު ޓެރަރިސްޓު ހަމަލާ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފްވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
ކޯޓްހައުސް އިމާރާތުގެ ބޭރުގައި ކާރުބޮން ގޮއްވާލުމުގެ ކުރިން ހަތިޔާރު އެޅި ގްރޫޕަކުންވަނީ، ޕާކިސްތާނު ސިފައިން ހިންގާ ކެޑޭޓް ކޮލެޖަކަށް ހަތިޔާރާއެކު ވަދެގަނެ ދަރިވަރުން ރަހީނުކުރަން މަސައްކަތް ކޮށްފައެވެ.
ހަތިޔާރު އެޅި ބަޔަކު ވަދެގަތީ ޚައިބަރް ޕަޚްތުންޚުވާގެ ވަނާ ސިޓީގައި ހުންނަ ކޮލެޖަކަށެވެ. ނަމަވެސް، ޕާކިސްތާނު ސިފައިންވަނީ އެމީހުންނާ ކުރިމަތިލައި ހަމަލާ ނާކާމިޔާބު ކޮށްލާފައެވެ.
އިސްލާމްއާބާދުގައި ކާރުބޮން ގޮއްވާލުމާއި، ހަތިޔާރު އެޅި ގްރޫޕަކުން ކެޑޭޓް ކޮލެޖަށް ވަދެގަތް މިވަގުތަކީ، ޕާކިސްތާނުގައި ބައިނަލްއަގްވާމީ މުހިންމު ކޮންފަރެންސްތަކެއް ކުރިއަށްދާ ވަގުތެކެވެ.
އިންޓަރ ޕާލަމެންޓްރީ ސްޕީކަރސް ކޮންފަރެންސާއި، 6 ވަނަ މާރގައްލަ ޑައިލޮގްވެސް މިވަގުތު އިސްލާމްއާބާދު ކައިރީގައި ކުރިއަށް ދެއެވެ.
މިހާދިސާތައް ހިނގާފައި މިވަނީ، ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމާއި، ސްރީލަންކާގެ ގައުމީ ކްރިކެޓް ޓީމާ ދެމެދު ކުޅެވޭ އެއްދުވަހުގެ އިންޓަރނޭޝަނަލް މެޗެއް ރާވަލްޕިންޑީގައިވެސް މިއަދު ކުރިއަށް ދަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު