އެމްއެމްއޭ ރިސާޗް ފަންޑުގެ ދަށުން ރިސާޗް ޕްރޮޕޯސަލްތަކަށް ހުޅުވާލައި، އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ކޮލަބޮރޭޓިވް ރިސާޗް ގްރާންޓް އަދި ފޮތް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.
ޖުމްލަ 1 މިލިއަން ރުފިޔާގެ ފަންޑަކުން ފެށި މި ރިސާޗް ގްރާންޓުތަކުގެ މަޤްޞަދަކީ ރާއްޖެއަށް ދިމާވާ އިޤްތިޞާދީ، މާލީ އަދި ތަރައްޤީގެ މައްސަލަތައް ތަހުލީލީ ނަޒަރަކުން ދެނެގަނެ އެ މައްސަލަތަކަށް އިޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކުރުމެވެ. މި ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ބޭނުންވަނީ ޤައުމުގެ އިޤްތިޞާދީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑަމިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަދި ދިރާސާކުރާ ފަރާތްތައް އެކުއެކީގައި މާލީ އަދި އިޤްތިޞާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ އަމިއްލަ ފަރުދުންނަށާއި، ތައުލީމީ ދާއިރާގެ ފަރާތްތަކަށާއި، ތިންކް ޓޭންކްތައް އަދި އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަޖުރިބާކާރު ދިރާސާވެރީންނަށެވެ.
އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް އެދި ހުށަހަޅާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން ހުށަހަޅާ ޓީމްތައް ލީޑް ކުރާ ފަރާތް ވާން ވާނީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮންނަ ފަރާތަކަށެވެ. އަދި ގްރާންޓަށް ކުރިމަތިލާ ދާރިސުންގެ ޕީއެޗްޑީ އޮތުމަށް އެމްއެމްއޭއިން ބާރުއަޅައެވެ. ކޮލަބްރޭޓިވް ރިސާޗްގެ ކެޓެގަރީން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލް ވާންނާނީ އެމްއެމްއޭ މުވައްޒަފުންނާ ގުޅިގެން ހުށަހަޅާ ރިސާޗް ޕްރޮޕޯޒަލްއަކަށެވެ. އަދި އެ ޕްރޮޕޯޒަލްއަކީ އެމްއެމްއޭގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ހުށަހެޅުމަކަށް ވާންވާނެއެވެ.
ރިސާޗް ގްރާންޓްގެ އިތުރުން، މި ފަންޑުގައި ފޮތް ގްރާންޓްގެ ބައެއް ހިމެނެއެވެ. މި ބަޔަށް ކުރިން ފޮތް ޝާއިޢުކޮށްފައިވާ ނުވަތަ އެއާ އެއްފެންވަރުގެ ތަޖުރިބާ ހުރި ފަރުދުންނަށް ނުވަތަ ޓީމުތަކަށް ހުޅުވާލެވިފައިވެއެވެ. ފޮތްތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެވިދާނެއެވެ. އަދި މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މާލީ ސިޔާސަތުތަކާ ބެހޭ ދިރާސާތައް ހިއްސާކޮށްދިނުމަށް ތައްޔާރުކުރާ ފޮތްތަކަށް އިސްކަންދެވޭނެއެވެ.
ދިރާސާ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެކްރޯ އިކޮނޮމިކް ސްޓެބިލިޓީއާއި، ފައިސާގެ ސިޔާސަތާއި، މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި، މޫސުމާއި ދެމެހެއްޓެނިވި ތަރައްޤީއާއި، ޑިޖިޓަލް ފައިނޭންސް އަދި އިންކްލޫޝަންއާއި، އިސްލާމިކް ފައިނޭންސާއި، ތައުލީމީ ދާއިރާއާއި ވަޒީފާގެ ބާޒާރު ހިމެނެއެވެ.
ރިސާޗް ގްރާންޓުގެ ދަށުން ހޮވޭ ޕްރޮޕޯޒަލް އަށް ދިރާސާއާ ގުޅުންހުރި ޚަރަދުތައް ކުރުމަށް މާލީ އެހީތެރިކަން ލިބޭނެއެވެ. މީގެ ތެރޭގައި މަޢުލޫމާތު އެއްކުރުމާއި، ފީލްޑްވަރކާއި، ރިސާޗް އެސިސްޓެންސާއި، އަދި ދިރާސާ ޝާއިއުކުރުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި އިތުރަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި ދިރާސާ މަސައްކަތް ޕިއަރ ރިވިއު ކުރެވި، އެމްއެމްއޭގެ މުވައްޒަފުންނާއެކު ދިރާސާ ޕަބްލިޝްކުރުމާއި، އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުޞަތުތައް ހިމެނެއެވެ.
ރިސާޗް ގްރާންޓުގެ ދަށުން ހޮވޭ ފަރާތްތަކަށް ގްރާންޓްގެ ގޮތުގައި ފޯރުކޮށްދެވޭ މާލީ އެހީތެރިކަމުގެ އިތުރުން ތަފާތު އެކިއެކި ގޮތްގޮތުން ފަންނީ އެހީތެރިކަން އެމްއެމްއޭގެ ފަރާތުން ލިބިގެންދާނެއެވެ. ރިސާޗް ގްރާންޓުގެ މާލީ އެހީގެ ގޮތުގައި، މަޢުލޫމާތު އެއްކުރުމާއި، ފީލްޑްވަރކާއި، ރިސާޗް އެސިސްޓެންސާއި، އަދި ދިރާސާ ޕަބްލިޝްކުރުމުގެ ޚަރަދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ރިސާޗް ގްރާންޓްއަށް ހޮވޭ ފަރާތްތަކަށް ފަންނީގޮތުން ލިބޭނެ އެހީތެރިކަމާ ކުރިއރުން ތަކުގެތެރޭގައި، ގްރާންޓްގެ ދަށުން ކުރާ ދިރާސާ މަސައްކަތްތަކުގެ ޕިއަރ ރިވިއު ކުރެވުން، އެމްއެމްއޭގެ މުވައްޒަފުންނާއެކު އެކުގައި ދިރާސާ ޕަބްލިޝްކުރުމާއި، އެމްއެމްއޭ ރިސާޗް ކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުޞަތުތައް ހިމެނެއެވެ.
މި ގްރާންޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރީއާއިން[email protected] އަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޮކްޓޯބަރު 2025 ގެ ނިޔަލަށެވެ. ޕްރޮޕޯސަލްތައް ރިވިއުކުރާނީ އެމްއެމްއޭގެ އެކަޑަމިކް އެންޑް ޓެކްނިކަލް ރިވިއު ކޮމިޓީންނެވެ. އެ ކޮމިޓީއިން ބަލާނީ ތީމްތަކާއި ދިވެހިރާއްޖޭގެ އިޤްތިސާދާ ގުޅުންހުރި މިންވަރާއި ބިނާކުރަނިވި ހިޔާލެއްކަމުގައިވުމާއި، ދިރާސާކުރުމަށް ބޭނުންންކުރާ އުސޫލުގެ ހަރުދަނާކަމާއި، ދިރާސާކުރާ ފަރާތުގެ ނުވަތަ ޓީމްގެ ޤާބިލުކަން އަދި އެ ދިރާސާއަކުން ސިޔާސަތުތަކަށް އަސަރުކުރާނެ މިންވަރަށެވެ. އެޕްލިކޭޝަންތައް ހުށަހަޅާފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް ކަނޑައަޅާ 9 ނޮވެމްބަރު 2025 ގެ ކުރިން އެފަރާތްތަކަށް އަންގާނެއެވެ.
އިތުރު މަޢުލޫމާތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ހިޔާލު