ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް ނުވާތީ، އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި ވިދާޅުވީ، ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ.
އަދި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް އެއްގައި އެންމެ ފުރަތަމަ އެޅި ސޯޝަލް ހައުސިންގެ ފްލެޓްތަކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވާ ހިޔާ ޓަވަރުތަކުގެ ގިނަ އަދަދެއްގެ ފްލެޓްތައް ވަނީ ބޮޑުއަގުގައި ކުއްޔަށްދޫކޮށްފައެވެ.
މި ހަފްތާގެ ތެެރޭގައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު