ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކޮށް، އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމެންޓް މުހައްމަދު ޝާހިދު ސޮއިކުރައްވައި މިމަހުގެ 19 ވަނަ ދުވަހު ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ވައިގެ ދަތުރުފަތުރު އިތުރަށް ފުޅާކޮށް، ވައިގެ މަގުން ރަށްތައް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގދ. ކާޑެއްދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ ސަރުކާރުން ވިލާ އެއާ އާއެކު ވެފައިވާ ލީސް އެއްބަސްވުން ބާތިލުކޮށް، އެ އެއާޕޯޓު ދައުލަތަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
ސިޓީގައި ވިދާޅުވެފައިވަނީ ކާޑެއްދޫ އެއާޕޯޓް އަދި އެއާޕޯޓާ ގުޅިގެން ތަރައްގީކުރާ މަޝްރޫއުތަކަށް 100 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އޮޑިޓް ފާމެއް ކަމަށްވާ އާންސްޓް އެންޑް ޔަންގްއިން ލަފާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ބަދަލުގެ ގޮތުގައި ދައުލަތުން 21 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވިލާ އެއާއިން އެދުނު މައްސަލައާ ގުޅިގެން ރައީސް އޮފީހުން ބެލިބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ އާންސްޓް އެންޑް ޔަންގުގެ އިވެލުއޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވާ 18.5 މިލިއަން ޑޮލަރުކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.
އެ ސިޓީގައި ވިދާޅުވެފައިވަނީ އެއާޕޯޓް ތަރައްގީކުރުމަށް ޖާމިނުކޮށް، ދައުލަތުގެ ފަރާތުން ވިލާ އެއާއަށް ދޫކޮށްފައިވާ ދެ ފަޅުގެ އަގުކަމުގައިވާ 15 މިލިއަން ޑޮލަރު ހިމަނައިގެން ޖުމްލަ 33.5 މިލިއަން ޑޮލަރު ކަމަށް، މި މައްސަލައާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރާ ހަވާލުކުރުމަށްޓަަކައި، އެ އެއާޕޯޓާ ގުޅިގެން ވިލާ އެއާއިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، ދައުލަތަށް މާލީ ބުރައަކަށްނުވާ ގޮތަށް، 18 މަސް ދުވަހަށް ބަހާލައިގެން ދައުލަތުން އެ ކުންފުންޏަށް ދެއްކުން ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްމެންޓު ހެދުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެކަންކަމަށް އެގޮތަށް ވިލާ އެއާއިން އެއްބަސްވާ ނަމަ، ވިލާ އެއާއެކު ހަދާފައިވާ އެއްބަސްވުމާއި، އެއްބަސްވުމާ ގުޅުންހުރި ހުރިހާ ބައިތަކެއް، ކަމާބެހޭ ސަރުކާރު މިނިސްޓްރީންތަކުން ބާތިލުކޮށް، ވިލާ އެއާއިން އެއްބަސްވާ ގޮތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު