އިސްރާއީލުގެ ކެބިނެޓުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ، މިވަގުތުގައިވސް އަސްކަރިއްޔާއިން އެ ސަރަޙައްދަށް ހަމަލާދެމުންދެމުން އެބަދެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އިއްތިހާދު ސަރުކާރުން ޙަމާސްއާއެކު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުން އާދީއްތަ ދުވަހު ތަންފީޒުކުރެވޭނެ ކަމަށް ބެލެވެއެވެ.
ފަލަސްޠީނު އޮތޯރިޓީން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށްފަހު ޣައްޒާ ސަރަޙައްދުގައި އެ ފަރާތުގެ “ފުރިހަމަ ޒިންމާތައް” އުފުލުމަށް ތައްޔާރަށް ތިބިކަމަށް އިޢުލާނުކޮށްފައެވެ.
ބުދަ ދުވަހުގެ ރޭ އިސްރާއީލާއި ޙަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެފައިވާކަން އިޢުލާނުކުރި ފަހުން، ގާތްގަނޑަކަށް 120 ފަލަސްޠީނުން ވަނީ ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފަައިވެއެވެ.
ޔުނިސެފުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް ދެމުންދާ 15 މަސްދުވަހުގެ ހަނގުރާމައިގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 35 ފަލަސްޠީނު ކުދިން ޝަހީދުކޮށްލާފަައިވެއެވެ.
އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި 2023 އޮކްޓޯބަރު 7 އިން ފެށިގެން މަދުވެގެން 46،876 ފަލަސްޠީނުން ޝަހީދުކޮށްލާފައިވެއެވެ. 110،642 މީހުން ޒަޚަމްވެފައިވެއެވެ. އެ ދުވަހު ޙަމާސްގެ އިސްނެގުމުގައި ކުރި ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.