ރާއްޖޭގެ 119 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ހާމަކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ފަހުކޮޅުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ސެންޓަރުތައް ގާއިމުކޮށް އެއްކޮށް ނިންމާލެވޭނެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރާއި ހަށިހެޔޮކަން އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ސެންޓަރުތަކަކީ އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއެކު ތަރައްގީކުރާ ތަންތަނެވެ. މީގެއިތުރުން ސެންޓަރުތަކުގައި އޮފީސް ބަޔަކާއި ކްލާސްރޫމެއްގެ އިތުރުން މީޓިން ރޫމެއް ވެސް ހިމެނޭނެއެވެ.
މި މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. މި ސެންޓަރުތައް ގާއިމުކުރުމުން ރަށްރަށުގެ ޒުވާނުންނަށް އިޖުތިމާއީ އަދި ކުޅިވަރުގެ ގުޅުންތައް ބަދަހިކުރުމަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެއެވެ.
ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން، މި ދައުރުގެ ތެރޭގައި މިހާތަނަށް 24 އައުޓްޑޯ ޖިމް މަރާމާތުކޮށް ޚިދުމަތް ދޭން ފެށިފައިވާ ކަމަށް ވެސް ވަޒީރު ރާފިއު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.