ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެށި ހާއްސަ މަސައްކަތުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިންގ ހަރުކޮށް ނިންމާލައިފިކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ޕްރޮގްރާމަކީ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން މިދިޔަ ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހު ފެށި މަސައްކަތެކެވެ.

އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ހުރީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްފަހު، ރެއިލިންގ ހަރުކުރުމުގައި އެހީތެރިކަމަށް އެދުމުގެ ފުރުސަތު ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1,011 އެޕާޓްމަންޓަކުން ވަނީ ރެއިލިންގ ހަރުކުރުމުގެ އެހީތެރިކަމަށް އެދި ހުށަހަޅާފައެވެ.

އިޝްތިހާރު އިޝްތިހާރު

އެ އެދުންތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ވަނީ ރެއިލިންގ ހަރުކޮށް ނިންމާފައެވެ. އަދި މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ކޯޕަރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އެކި އިމާރާތްތަކާއި އާންމު ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.