ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުމުގެ މަގުސަދުގައި ގަސްތުގައި ކަމަށް ބެލެވޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މާލޭން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ ކުރަމުންދިޔަ ފުލުސް އޮފިސަރުގެ ގައިގައި ޖެހި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެ މައްސަލައާ ގުޅިގެން އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެ ހާދިސާ ހިނގީ ބްރިޖު ހައިވޭގައި ފުލުހުން ގާނޫނީ ވާޖިބު އަދާކުރަމުން ދިޔަ ވަގުތުގައެވެ.

އިޝްތިހާރު އިޝްތިހާރު

އެ ހާދިސާގައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދުމުގެ އިތުރުން ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އެފަދަ ނުރައްކާތެރި އަމަލެއް ހިންގި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު އެކަމުގައި އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ސީޕީ ހާމަކުރެއްވިއެވެ. ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް، މަގުމަތީގައި ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު ފުލުސް އޮފިސަރުގެ ގައިގައި ޖެހިގެންނެވެ.

އެ އަމަލު ހިންގި ސައިކަލު ޓޯކޮށް، ސައިކަލުގައި ތިބި 2 މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން އެކަމުގައި ޝާމިލުވާ އިތުރު 2 މީހަކާއި ސައިކަލެއް ލޮކޭޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ. ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އެކުލަވާލައިފައިވާ އައު ޓްރެފިކް ގާނޫނު ތަންފީޒު ކުރަން ފަށާފައިވާއިރު، މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށައިފައެވެ.