ކުށް ކޮށްގެން ހޯދާ މުދާ ނެގުމާ ގުޅޭ ބެހޭ ބިލު ހުށަހަޅާފައި ވާނީ ކުށުގެ ތުހުމަތުވާ މީހާގެ ޝަރީއަތް ނުނިމެނީސް މަރުވުން ނުވަތަ ޝަރީއަތަށް ހާޒިރު ނުވެ، ފިލައިގެން އުޅޭ ހާލަތްތައް ފަދަ ހާއްސަ ހާލަތްތަކުގައި މުދާ ނެގޭ ގޮތަށް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ ތިން ހާލަތެއްގައި ދައުލަތަށް މުދާ ނެގޭނެ ގޮތްތައް ގަވާއިދުގައި ބަޔާންވެފައިވާކަމަށާއި އެ ހާލަތުގައި ވެސް މުދާ ނެގޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެމައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައި އެ ކޯޓުގެ އަމުރެއް ލިބިގެން ކަމަށެވެ.

“އެއީ ގާނޫނުގެ 74 ވަނަ މާއްދާ، އެ މާއްދާގައި ވަރަށް ސާފުކޮށް އެބަ ބުނޭ ތިން ހާލަތެއްގައި އެ މުދާ ނެގުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް، ބަޔާންކޮށްފައި ވަނީ. އެއީ ކުށް ކޮށްގެން މުދާ ހޯދާފައިވާ މީހެއްގެ މައްޗަށް، ދައުވާ ކުރުަމަށްޓަކައި އެ ފުރުސަތު ނުލިބޭ ހާލަތްތަކުގައި، މިސާލެއްގެ ގޮތުގައި، އޭނާ މަރުވުން، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމުގައި ވުން، އެފަދަ ހާލަތްތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް މިޖެހެނީ މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެއްކާއެކު ހައި ކޯޓަށް ހުށަހަޅުއްވަން،” މެމްބަރު ވިދާޅުވިއެވެ.
އެހެންކަމުން އެއްވެސް ހައްދެއް ހުދޫދެއްނެތި މުދާ ނެގޭނެކަމަށް ވިދާޅުވެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތައް މެމްބަރު ވަނީ ދޮގުކުރައްވާފައެވެ.
މިއީ ކޮންމެހެން ބޭނުންތެރި ބިލެއް
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނާޖާއިޒު ގޮތުގައި ހޯދާ މާލީ މަންފާތައް ހުއްޓުވުމާއި، ޣައިރުގާނޫނީ ގޮތުގައި ހޯދާފައިވާ މުދާ އެފަދަ ފަރާތްތަކުގެ އަތުން އަތުލައިގަނެ، އެ މުދަލުން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ނައްތާލުމެވެ. އަދި ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ. މިބިލަކީ މުހިންމު އަދި ކޮންމެހެން ބޭނުންތެރި ބިލެއްކަމަށް ޕީއެންސީގެ މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ. އެގޮތުން، މި ބިލުގެ ދަށުން ގާއިމުކުރާ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ، އަންނަނިވި މައިގަނޑު ކަންކަން ހާސިލުކުރުމަށެވެ.
ކުށް ސާބިތުވުމުން، ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން.
އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލައި، ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ތަޢާރުފުކުރުން.
ކުށް ކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ނުވަތަ ތަޞައްރުފުކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުން.
ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ ކުށް ކޮށްގެން ހޯދާ މުދާ ބެލެހެއްޓުމާއި އެ މުދަލުން ތަސައްރުފުކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
ބޭރު ގައުމުތައް މެދުވެރިކޮށް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން.
ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
މި ބިލުގައި، ކުށެއް ސާބިތުވުމާ ގުޅިގެން ޣައިރުގާނޫނީ ގޮތުގައި ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުނުވި ނަމަވެސް އެފަދަ މުދާ ދައުލަތުގެ ބާރުގެ ދަށަށް ގެނެވޭނެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. އަދި މި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކުށްކޮށްގެން ހޯދާފައިވާ މުދަލާމެދު ވެސް މި އުސޫލުން އަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ބިލުގެ ފަސްވަނަ ބާބުގައި ވާގޮތުން، ކުށުގެ ތުހުމަތުކުރެވޭ މުދާ ނައްތާލުން، އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ ފޮރުވުން ހުއްޓުވުމުގެ ގޮތުން ‘ރިސްޓްރެއިންޓް އަމުރެއް’ މެދުވެރިކޮށް އެ މުދަލެއް ހިފެހެއްޓުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
މީގެ އިތުރުން ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަވާ ހާލަތްތަކުގައި، ކުށް ސާބިތުވުމާއެކު ކޯޓުގެ ވަކި ހާއްސަ އަމުރަކާ ނުލައި ‘އޮޓޮމެޓިކް ފޯފީޗަރ’ ގެ ދަށުން އެ މުދަލެއް ދައުލަތަށް ނެގޭނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ ދަށުން މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި 15 ކުށެއް ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި:
ޓެރަރިޒަމްގެ ކުށް
ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
މީހަކު މެރުމުގެ ކުށް
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
މީހުން ޓްރެފިކް ކުރުމުގެ ކުށް
އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
ފައިސާ އަދި އަހުގުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
ކޮރަޕްޝަންގެ ކުށް
އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް
500،000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
100،000 ރުފިޔާއަށް ވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމާއި، ވައްކަމާއި، ހިޔާނާތާއި، ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުން އަދި މުދާ ސްމަގްލް ކުރުމުގެ ކުށް
ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އެ ކުށެއް ކޮށްގެން މުދާ ހޯދޭ ކޮންމެ ކުށެއް
މިފަދަ ކުށްތައް ކުރީ ރާއްޖޭން ބޭރުގައިކަމަށް ވިޔަސް އަދި މި ކުށް ކުރީ މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް އައު ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކުށުގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ބިލުގައިވެއެވެ. ނަމަވެސް ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުތަކަށް ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލު ފާސްވެ ގާނޫނަށް އަމަލުކުރާތާ މަސް ދުވަހުގެ ތެރޭގައި “އެސެޓް މެނޭޖްމަންޓް އޮތޯރިޓީ” ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އިދާރާގެ ޒިންމާއަކީ ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމާއި އަދި ކުށުގެ ޝިކާއަރައަށްވާ މީހުންނަށް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރުމެވެ. މި އިދާރާއަކީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.
މި ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ހަރަދުތައް ބެލެހެއްޓުމަށް “ރިކަވާޑް އެސެޓް ފަންޑެއް” ގާއިމުކުރާނެއެވެ.










ކިޔުންތެރިންގެ ހިޔާލު