ބާސެލޯނާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް އެންތަނީ ގޯޑަން އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު، ގެޓާފޭ އަތުން 3-0 އިން މޮޅުވެ، ސްޕެނިޝް ލީގުގެ ތާރީޚުގައި އެ ޓީމުން ދައްކާފައިވާ އެންމެ ފުރިހަމަ ފެށުން ބާސެލޯނާއިން ތަކުރާރުކޮށްފިއެވެ.
މިދިޔަ ހޫނު މޫސުމުގައި ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއާ ގުޅުނު ފަހުން ގޯޑަން އައީ މޮޅު ކުޅުމެއް ދައްކައި ގިނަ އެސިސްޓްތަކެއް އުފައްދަމުންނެވެ. ނަމަވެސް، މިދިޔަ ހަފުތާ ބަންދާ ހަމައަށް އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ކޭމްޕް ނޯގައި ކުޅުނު މި މެޗުގެ ދެވަނަ މިނެޓުގައި ގޯޑަން ވަނީ ގެޓާފޭގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން މެޗުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭނާ ފޮނުވާލި މި ބޯޅަ ގޯލަށް ވަނީ އިދިކޮޅު ކުޅުންތެރިއެއްގެ ގައިގައި ޖެހި، މިސްރާބު ބަދަލުވެގެންނެވެ.

މި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ގަބްރިއެލް ޖީސަސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި، 29 ވަނަ މިނެޓުގައި ވަނީ ލަނޑެއްޖަހައި އޭނާގެ ބޭނުންތެރިކަން ސާބިތުކޮށްދީފައެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ރަފީނިއާގެ ބަދަލުގައި ކުޅެން އެރި އާސެނަލްގެ ކުރީގެ ފޯވާޑް މި ލަނޑު ކާމިޔާބުކުރީ، ގެޓާފޭގެ ޒައިދު ރޮމޭރޯ އަމިއްލަ އޭރިއާ ތެރޭގައި ހަދާލި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ބާސެލޯނާއިން ލީގުގައި ޖެހިޖެހިގެން ހޯދި އަށްވަނަ މޮޅު ފުރިހަމަކޮށްދިނުމުގައި ލަމީން ޔަމާލްގެ ދައުރު ބޮޑެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޔަމާލް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަނާތްފަރާތު ބެކް ޖޫލްސް ކޫންޑޭއެވެ.











ކިޔުންތެރިންގެ ހިޔާލު