ވިއެޓްނާމުގެ މަގުބޫލު ބަޖެޓް އެއާލައިން، ވިއެޓްޖެޓުން ރާއްޖެ ހިމެނޭ ގޮތަށް އާ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަށް ނިންމައި، ހާއްސަ ޕްރޮމޯޝަނަލް އަގުތަކެއްގައި ޓިކެޓު ވިއްކަން ފަށައިފިއެވެ.
އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، ވިއެޓްނާމާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކުގައެވެ. އަލަށް ފަށާ މި ދަތުރުތަކުގެ ދަށުން، ވިއެޓްނާމުގެ ހޯ ޗީ މިން ސިޓީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ދުވަހު ދަތުރުކުރާނެއެވެ. އެއީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ވިއެޓްނާމުގެ އިތުރުން، އެ އެއާލައިނުން ވަނީ ކަޒަކިސްތާނާއި ޗެކް ރިޕަބްލިކަށް ވެސް އަލަށް ދަތުރުތައް ފެށުމަށް ނިންމައިފައެވެ.

މި އާ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ މުނާސަބަތުގައި ވިއެޓްޖެޓުން ވަނީ ވަރަށް ހާއްސަ އަގުތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން، ޓެކްސް އަދި އެހެނިހެން ފީތައް ނުހިމަނައި “0 ޑޮންގް” ގެ އަގުގައި ވިއްކާ އިކޮނޮމީ ޓިކެޓުތަކެއް ވަނީ އިއުލާނުކޮށްފައެވެ. ވަކި އަދަދަކަށް ދޫކުރާ މި ޓިކެޓުތައް ގަންނަ ފަރާތްތަކުން ދައްކަން ޖެހޭނީ ހަމައެކަނި ޓެކްސް އަދި ފީގެ ގޮތުގައި އަރާ މިންވަރެވެ. މީގެ އިތުރުން، އެ އެއާލައިންގެ ޑިލަކްސް ކްލާހުގެ ޓިކެޓުތަކުން %20 ގެ ޑިސްކައުންޓެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ޓިކެޓު ގަތުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.










ކިޔުންތެރިންގެ ހިޔާލު